ޔޫއެފާ ޔޫރޮޕާ ލީގު ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މާސޭ ބަލިކޮށް ޔޫރޮޕާ ލީގުގެ ފައިނަލްގެ ދެވަނަ ޖާގަ އެޓްލަންޓާ އިން ހޯދައިފިއެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި މާސޭގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެވަނަ ލެގްގައި އެޓްލަންޓާ ވަނީ 3-0 އިން މާސޭ ބަލިކޮށްފައެވެ. އެޓްލަންޓާ ފައިނަލުން ޖާގަ ހޯދީ 4-1 އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ މާސޭ އާއި އެޓަލަންޓާ ވާދަކުރި މެޗު ފަށައިގެން އެޓަލަންޓާއިން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އެޓްލަންޓާގެ ކެޓެލައެރެ ތަނަވަސްކޮށްދިން ފުރުސަތަކުން އަޑެމަލޯ ލޫކްމަން ވަނީ އެ ޓީމަށް ލީޑު ނަގައި ދީފައެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުން އެޓްލަންޓާ ކުރީގައި އޮވެގެންނެވެ.

އިޓަލީ ލީގުގެ ފަސް ވަނައިގައި މިވަގުތު އޮތް އެޓްލަންޓާ އިން މި މެޗުގެ 52 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހާ މެޗުގެ ލީޑު ފުޅާކުރިއެވެ. އަޑެމޮލާ ލޫކްމަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަތިއޮ ރުގެރީއެވެ. އަދި މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި އެޓްލަންޓާގެ އެލް ބިލާލް ޓޯރޭ ވަނީ އިތުރު ގޯލެއް އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މި އާއެކު މި މެޗު ނިމިގެން ދިޔައީ 0-3 ގެ ނަތީޖާ އަކުން އެޓްލަންޓާ ކުރި ހޯދާ ޔޫރޮޕާ ލީގުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށްގެންނެވެ.

 

ޔޫރޮޕާ ލީގު ފައިނަލްގައި އެޓަލަންޓާ ވާދަކުރަން ޖެހޭނީ ރޭ ރޯމާ ބަލިކޮށް ފައިނަލް އިން ޖާގަ ހޯދި ޖަރުމަނުގެ ލެވަކޫސަން އާ ދެކޮޅަށެވެ. ލެވަކޫސަން އިން ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވާއިރު އެ ޓީމުން ވަނީ ޖެހިޖެހިގެން 49 މެޗުން ބަލިނުވެ ޔޫރަޕްގެ ރެކޯޑްވެސް ހަދައިފައެވެ. އެޓްލަންޓާ އިޓަލީ ލީގުގެ ފަސް ވަނައިގައި އޮތްއިރު ލެވަކޫސަން ވަނީ ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކޮށްފައެވެ.

ޔޫރޮޕާ ލީގުގެ ފައިނަލްގައި އިޓަލީގެ އެޓްލަންޓާ އަދި ޖަރުމަނުގެ ބަޔާން ލެވަކޫސަން ވާދަކުރާ މެޗު ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު