މާޒިޔާ ދޫކޮށް ހުސެއިން ނިހާން (ނިހާޓް) އާއި ރިޓަޔަމަންޓްގައި ހުރި މުހައްމަދު ރަޝީދު (ހޮކޭ) ފަސްޓް ޑިވިޝަނަށް ޕްރޮމޯޓްވެފައިވާ އޮޑި ސްޕޯޓްސް ކުލަބާ އެކުމު ކުޅުމަށް އެ ޓީމަށް ސޮއިކޮށްފިއެވެ.

މި ކުޅުންތެރިން އޮޑި ސްޕޯޓްސް ކުލަބް އަށް ސޮއިކޮށްފައިވަނީ ރޭ މަސްއޮޑި ސްޕޯޓްސް ކުލަބުގެ ނަމާއި ލޯގޯ ރީ ބްރޭންޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މަސްއޮޑި ސްޕޯޓްސް ކްލަބް “އޮޑި ސްޕޯޓްސް ކްލަބް” އަށް ރީބްރޭންޑް ކުރުން—ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

މަސްއޮޑި ސްޕޯޓްސް ކުލަބް ދެވަނަ ޑިވިޝަންގައި ކުޅުނު އިރު ހޮކޭ އެ ޓީމަށް ކުޅުނެވެ. އަދި އެ ޓީމު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމުގައި ވެސް ހޮކޭ މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ނިހާނަކީ މިހާރު ވެސް ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. ހޮކޭ ވަނީ މީގެކުރިން ގައުމީ ޓީމަށް ކުޅެފައެވެ.

ނިހާޓް މާޒިޔާ ދޫކޮށް އޮޑި ސްޕޯޓްސް ކުލަބް އާއި ގުޅިފައިވާއިރު، ނިހާޓް ވަނީ މާޒިޔާ އާއި އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ނިހާޓް ވަނީ މާޒިޔާ އާއި އެކު ދިވެހި ލީގު އަދި ޕްރެސިޑެންޓްސް ކަޕްގެ އިތުރުން އެފްއޭ ކަޕް އާއި ޗެރިޓީ ޝީލްޑް މެޗުވެސް މާޒިޔާ އާއި އެކު ކާމިޔާބުކޮށްފައެވެ. ނިހާޓް މާޒިޔާގެ އިތުރުން އީގަލްސް އަދި ވެލެންސިއާ އާއި ވިކްޓްރީއަށްވެސް ކުޅެފައިވާއިރު ނިހާޓް އަކީ ގައުމީ ޓީމުގެ މެދުތެރޭގައިވެސް މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ކުޅުންތެރިއެކެވެ. ދެހާސް އަށާރަ ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ގައުމީ ޓީމުގައިވެސް ނިހާޓް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މަސްއޮޑި ސްޕޯޓްސް ކްލަބް “އޮޑި ސްޕޯޓްސް ކްލަބް” އަށް ރީބްރޭންޑް ކުރުން—ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

ނިހާޓް އާއި ހޮކޭގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބަށް ވަނީ ކުރިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ޒުވާން ފޯވާޑް ހައިޝަމް ރަޝީދުގެ ސޮއި ވެސް ހޯދައިފައެވެ. ހައިޝަމްގެ އިތުރުން، ވިކްޓަރީ އަށް ކުރިން ކުޅުނު ސަޔަމް ސައީދު ވެސް ވަނީ އޮޑި ސްޕޯޓްސް ކުލަބަށް ސޮއިކޮށްފައެވެ.

ދެ ވަނަ ޑިވިޝަނުގައި ވެސް އޮޑި ސްޕޯޓްސް ކުލަބުން ފެނުނު ރާހިލް ރަޝީދު (ރާއްކޮ) ވެސް އަންނަ ސީޒަންގައި ކުޅޭނީ އޮޑި ސްޕޯޓްސް ކުލަބަށެވެ. އަދި ކުރިން ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު މުހައްމަދު މިންވާލް އާއި މުހައްމަދު މުސްލިހު ވެސް ވަނީ އޮޑި ސްޕޯޓްސް ކުލަބް އަށް ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު