މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ ލިސަންޑްރޯ މާޓިނޭޒް އާއި މާކޯސް ރަޝްފޯޑަށް ލިބުނު އަނިޔާ އިން ރަނގަޅުވެ، އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ބާކީ ހަތަރު މެޗު އެބައޮތެވެ. އެއީ ޕްރިމިއާ ލީގުގައި އާސެނަލް އާއި ނިއުކާސަލް ޔުނައިޓެޑާއި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗާއި އެފްއޭ ކަޕްގެ ފައިނަލްގައި ވަރުގަދަ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޔުނައިޓެޑް މި ސީޒަންގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ މައިގަނޑު އެއް ސަބަބަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމެވެ. އެހެންވެ، މާޓިނޭޒް އާއި ރަޝްފޯޑް އަނިޔާ އިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައުމަކީ އެ ޓީމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

މާޓިނޭޒް ވަނީ މި ސީޒަންގައި ޔުނައިޓެޑަށް 11 މެޗު ކުޅެދީފައެވެ. މާޓިނޭޒަށް ފުރަތަމަ އަނިޔާވީ ޕްރިމިއާ ލީގުގައި މިދިޔަ ފެބްރުއަރީ މަހު ވެސްޓްހަމްއާ ދެކޮޅަށް ކުޅެނިކޮށެވެ. ފަޔަށް ލިބުނު އެ އަނިޔާ އިން ރަނގަޅުވެ، އަލުން ކުޅުމުގެ ތެރެއަށް އައީ މިދިޔަ މާޗް މަހުގައެވެ. އެކަމަކު، އަނިޔާ އިން ރަނގަޅުވެގެން ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އަނެއްކާ ވެސް ފަޔަށް އަނިޔާވެގެން މަހަކަށް ވުރެ ގިނަ ދުވަސްވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.

ޔުނައިޓެޑްގެ ކުޅުންތެރިންގެ ތެރެއިން މިވަގުތު އަނިޔާގައި ހުރި ކުޅުންތެރިންގެ ތެރޭގައި ހެރީ މެގުއާ އާއި ލޫކް ޝޯ އާއި ވިކްޓޯ ލިންޑެލޯފް ހިމެނެއެވެ. އަނިޔާގައި ގިނަ ދުވަސްތަކެއްގައި ހުރި ޖޯނީ އީވަންސް އަނިޔާ އިން ރަނގަޅުވެ މިދިޔަ ހޯމަ ދުވަހު ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ނުކުތެވެ. އެކަމަކު، އެ މެޗު ކްރިސްޓަލް ޕެލެސް އިން ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަންގައި ޔުނައިޓެޑް ވި އެންމެ ބޮޑު ބައްޔެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް އުންމީދު ކުރާ ގޮތުގައި ވަރާން އާއި މެގުއާ އަދި މާޓިނޭޒް އެކުގައި ފެންނާނީ އެފްއޭ ކަޕް ފައިނަލްގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. ރަޝްފޯޑަށް އަނިޔާވީ އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ކޮވެންޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އޭގެ ފަހުން، ޕްރިމިއާ ލީގުގައި ޝެފީލްޑް ޔުނައިޓެޑާއި ބާންލީ އަދި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ރަޝްފޯޑް ނުކުޅެއެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހުގެރޭ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި ރަޝްފޯޑް ފެނުން ގާތެވެ. އެހެން އެކަންވެއްޖެ ނަމަ، ރަޝްފޯޑް ވެގެން ދާނީ ޔުނައިޓެޑަށް ކުޅޭ 400 ވަނަ މެޗަށެވެ. ރަޝްފޯޑް ޕްރިމިއާ ލީގުގައި އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2016 ގައެވެ. އާސެނަލްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ރަޝްފޯޑް ދެ ލަނޑު ޖެހިއެވެ.

ކިޔުންތެރިންގެ ހިޔާލު