މި ސީޒަންގައި ނިއުކާސަލް ޔުނައިޓެޑަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ އެލެކްސެންޑާ އިސާކް އާއި ބްރޫނޯ ގުމަރޭސް އެ ޓީމުގައި މަޑު ކުރާނެ ކަމަށް އުންމީދު ކުރާ ކަމުގައި ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނެފިއެވެ.

އިސާކް އާއި ގުމަރޭސް އަށް އެކި ޓީމުތަކުން ހުށަހެޅުންތައް އަންނަ އިރު، މިހާރު އެ ދެ ކުޅުންތެރިން ކުޅެމުން އަންނަ ނިއުކާސަލް އިން އުންމީދު ކުރަނީ މި ދެކުޅުންތެރިން އެ ޓީމުގައި މަޑު ކުރާނެ ކަމަށެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނެފައިވާ ގޮތުގައި އޭނާ ކުރިއަށް އޮތް ސީޒަން އަށް ޕްލޭންތައް ހަދަމުންދަނީ އެ ދެ ކުޅުންތެރިން ހިމަނައިގެންނެވެ.

ނިއުކާސަލްގެ ކޯޗު މިހެން ބުނެފައިވާއިރު ބުރޫނޯ ގުމަރޭސް އަށް އަންނަނީ ޕްރިމިއާ ލީގުގެ ބޮޑެތި ކުލަބްތައް ކަމަށްވާ މެންޗެސްޓާ ސިޓީ އާއި އާސެނަލްއިން ވެސް ފާރަލަމުންނެވެ. އަދި މީގެ އިތުރުން އެލެކްސްސެންޑާ އިސާކް އަށް އާސެނަލް އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އުމުރުން 24 އަހަރުގެ ސްވިޑަން އަށް އުފަން އިސާކް އަށް އާސެނަލް އިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭނާއަކީ މި ސީޒަންގައި ނިއުކާސަލްއަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. އަދި އެ ކުލަބް ގެ ތާރީހުގައިވެސް އެލެން ޝިއެރާގެ ފަހުން އެއް ސީޒަންއެއްގައި 20 ގޯލު އެ ޓީމަށް ޖަހައިދިން ހަމަ އެކަނި ކުޅުންތެރިޔާ އަކީ ވެސް އިސާކްއެވެ. އިސާކް ނިއުކާސަލްއާ ގުޅިފައިވަނީ 2022 ވަނަ އަހަރުއެވެ. އޭގެ ކުރިން އިސާކް ކުޅެމުން އައީ ރއާލް ސޮސެއިޑާލް އަށެވެ.

 

ބްރެޒިލް އަށް އުފަން ބުރޫނޯ ގުމަރޭސް ނިއުކާސަލް އާ ގުޅިފައިވަނީ 2022 ވަނަ އަހަރުއެވެ. އަދި މި ސީޒަންގައި އެ ޓީމަށް ރަނގަޅު ކުޅުމެއް ދައްކަމުންއަންނަ ގުމަރޭސް މި ސީޒަންގެ ޕްރިމިއާ ލީގުގައި 35 މެޗު ކުޅެދީފައިވާއިރު ހަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވެއެވެ.

އަންނަ ސީޒަންގައި ޔޫރަޕާ ލީގުގައި ކުޅުމުގެ އުންމީދުގައި އޮތް ނިއުކާސަލް މިވަގުތު އޮތީ ޓޭބަލްގެ ހަ ވަނައިގައެވެ. އަދި ނިއުކާސަލް އަށް ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އާ ދެކޮޅަށް ކުޅޭމެޗު ކުރިއަށް އެބައޮތެވެ. އަންނަ ސީޒަންގައި ޔޫރަޕާ ލީގުގައި ނިއުކާސަލް ކުޅުމަށް މި ދެމެޗުވެސް އެ ޓީމަށް ވަރަށް މުހިންމު ވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު