އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އާއި ޗެލްސީ ވާދަކުރި މެޗު ޗެލްސީ ކާމިޔާބުކޮށް ޓޭބަލްގެ ހަވަނަ އަށް ޖެހިލައިފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓެންގެ ދަނޑުގައި ވާދަކުރި މެޗު ޗެލްސީ އިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާ އާއި އެކު ޗެލްސީ އިން ޓޭބަލްގެ ހަވަނަ އަށް ވަނީ ޖެހިލާފައެވެ.

ޗެލްސީ ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި މާކް ކުކުރެލާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާ ލައިގެން މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ކޯލް ޕާމާ އެވެ.

މި ސީޒަންގައި ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕާމާ އަކީ މި ސީޒަންގެ ޕްރިމިއަރ ލީގުގައި ދެވަނަ އަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޗެލްސީ އިން ދިޔައީ ބްރައިޓަންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާ އެއްގެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މަލޯ ގުސްޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓްފާ ކުންކޫ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން އާއި ޗެލްސީ ވާދަކުރި މެޗުގައި ޗެލްސީގެ ރީސް ޖޭމްސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ 69 ވަަނަ މިނެޓުގައި ކުޅެން ނިކުމެފައިވާއިރު މެޗުގެ 88 ވަނަ މިނެޓުގައި އޭނާ އަށް ރަތް ކާޑެއްދައްކާ ދަނޑުން ވަނީ ފޮނުވާލާފައެވެ. މިއާއި އެކު 10 ކުޅުންތެރިންނާއި އެކު ކުޅެމުންދިޔަ ޗެލްސީ ކޮޅަށް ބްރައިޓަން އިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 90 މިނެޓް ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެނީ ވެލްބެކް އެވެ. މި ގޯލާއިއެކު މި މެޗު ނިމިގެން ދިޔައީ 1-2 ގެ ނަތީޖާ އަކުން ޗެލްސީ ކުރި ހޯދައިގެންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އިން މި ހޯދި ކާމިޔާބާއިއެކު އެ ޓީމުން މިވަނީ ޓޭބަލްގެ 6 ވަނަ އަށް ޖެހިލާ އަންނަ ސީޒަންގައި ޔޫރަޕް މުބާރާތްތަށް ކުޅުމުގެ ފުރުސަތު ހޯދާފައެވެ