ކޮޕާ އިޓާލިއާ މުބާރާތުގެ ފައިނަލުގައި އެޓްލާންޓާގެ މައްޗަށް 1-0 އިންކުރި ހޯދާ މުބާރާތުގެ އެންމެ ކާމިިޔާބު ޓީމު ޔުވެންޓަސް އިން މުބާރާތުގެ ތަށި 15 ވަނަ ފަހަރަށް ހޯދައިފިއެވެ.

ރޯމާގެ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗު ފަށައިގެން ހަަތަރު ވަނަ މިނެޓުގައެވެ. ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށް ދިނީ ޑޫސަން ވްލަހޮވިޗެވެ. އޭނާ މ،ި ލަނޑު ކާމިޔާބު ކުރީ ދަނޑުގެ މެދެއްހާ ހިސާބުން ކަމްބިއާސޯ ދުއްވާލި ތުރޫ ޕާހަކުންނެވެ. އެޓްލާންޓާ ޓީމުން ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ޔުވެންޓަސް އިން މި ލަނޑު ކާމިޔާބު ކުރި ނަމަވެސް އެޓްލާންޓާ އިން ވަނީ ފަހުން ކުޅުން ރަނގަޅުކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ފަސް މިނެޓު ފަހުން އެޓްލާންޓާ އިން ވަނީ ނުރައްކާތެރި ހަމަލާއެއްް އުފައްދާފައެވެ. އެ ޓީމުގެ ލުކްމަން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ އަށް ޔުވެންޓަސްގެ ބްރެމޭ ވަނީ ހުރަސް އަޅާފައެވެ. ބްރެމޭގެ ފައިގައި ޖެހިފައި ބޯޅަ ދިޔައީ ގޯލުގެ އަރި މަަތިން ބޭރަށެވެ. މީގެ އިތުރުން މެޗުގެ 63 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އެޓްލާންޓާގެ ޑިފެންޑަރުން ވަނީ ބޯޅަ އަށް ހުރަސް އަޅާފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ވްލަހޮވިޗެވެ. ނަމަވެސް އޭނާ އޮފްސައިޑު ކަމަށް ނިންމާ ރެފްރީ ވަނީ ގޯލު ބަލައި ނުގަނެ އެޓްލާންޓާ އަށް ހިލޭ ޖެހުމަކަށް ދީފައެވެ.

ކޮޕާ އިޓާލިއާގެ 15 ވަނަ ތަށި ޔުވެންޓަސް އިން ހޯދައިފި -- ފޮޓޯ: ވަން ފުޓްބޯލް

މެޗު ނިމެން ދަނިކޮށް އެތްލާންޓަ އަށް ވަނީ އަނެއްކާވެސް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިޔާ އަރިމަތިން ލުކްމަން ފޮނުވާލި މިހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ބޯޅަ ދިޔައީ ބޭރަށެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ދެ ޓިމަށް ވެސް ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 އިން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މި އަހަރުގެ ފައިނަލު ލައިގެން ޔުވެންޓަސް އިން ވަނީ މި މުބާރާތުގެ ފައިނަލުގައި 22 ފަހަރު ވާދަކޮށްފައެވެ. އޭގެ ތެރެއިން 15 ފަހަރު އެ ޓީމުން ވަނީ މުބާރާތުގެ ތަށި ހޯދާފައެވެ. ޔުވެންޓަސް އާއި އެންމެ ގާތުން މި މުބާރާތުގެ ތަށި އެންމެ ގިނައިނަ ހޯދާފައިވަނީ ރޯމާ އަދި އިންޓާ މިލާނެވެ. މި ދެ ޓީމަށް ވެސް މި މުބާރާތް ކާމިޔާބުކުރެވިފައިވަނީ ނުވަ ފަހަރެވެ.