މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަލްމޭރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ދެއްކި ވާހަކައާ ގުޅިގެން އެ ޓީމުގެ ކޯޗު ކަމުން އޭނާ ވަކިކޮށްފާނެ ކަމުގެ އަޑުތައް ގަދަވެއްޖެއެެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީގެ ވާހަކަތައް ހުރި ގޮތުން ބާސެލޯނާގެ ބޯޑު މެމްބަރަުން 'ރަތަށް' ގޮސްފައިވާ ކަމަށް ވެސް އަޑުތައް ފެތުރިފައިވެއެވެ.

މި ބައްދަލުވުމުގައި ޒަވީ ބުނެފައިވަނީ މިވަގުތު ބާސެލޯނާގެ ހާލަތު ހުރި ގޮތުން ޔޫރަޕުގައި ވާދަކުރުމަކީ ދަތި ކަމެއް ކަމަށާއި ހާއްސަކޮށް މާލީ ގޮތުން ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ރެއާލް މެޑްރިޑް ފަދަ ކުލަބުތަކާއި ޔޫރަޕުގެ ކުލަބުތަކާއި ވާދަކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި ޒަވީ ބުނީ މިއީ ބާސެލޯނާގެ ސަޕޯޓަރުންނަށް ކޮންމެހެން އެނގެން ޖެހޭ ކަމެއް ކަމަށެވެ.

ބާސެލޯނާގެ ހެޑް ކޯޗު ޒަވީ ހެނާންޑޭޒް -- ފޮޓޯ: ގެޓީ އިމޭޖަސް

ޒަވީ ބުނީ ހާލަތު މިހެން އޮތް ކަމުގައިވިޔަސް ހާލަތު ތަންދޭ މިންވަރަކަށް ޓީމު ބައްޓަން ކުރާނެ ކަމަށާއި ޓްރޮފީތައް ވެސް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މާލީ ގޮތުން ޓީމަށް އެހީތެރިކަން ލިބެންޖެހޭ ކަމަށާއި މިކަމުން އަރައިގަތުމަށް ވަގުތު ނަގާނެ ކަމަށް ޒަވީ ވަނީ ބުނެފައެވެ.

ބާސެލޯނާގެ ކޯޗު ކަމުން މި ސީޒަނަށް ފަހު، ޒަވީ ކުރިން ވަނީ ޓީމު ދޫކޮށްލަން ނިންމާފައެވެ. ނަމަވެސް ބާސެލޯނާ އާއި އޭނާ އާއި ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަ ވާނީ އަންނަ ސީޒަނަށެވެ. ހަމަ އެއާއި އެކު ޓީމުގެ ރައީސް ލަޕޯޓާގެ އެދުމުގެ މަތިން ޒަވީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް ކޮންޓަރެކްޓް ގައިވާ ތާރީހަށް ބާސެލޯނާގެ ކޯޗު ކަމުގައި ދެމިހުންނަން ނިންމާފައެވެ.

ޒަވީ ބާސެލޯނާ އާ ހަވާލުވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މާލީ ގޮތުން ވަރަށް ބޮޑު އަޑި ގަނޑެއްގައި ޓީމު ވަނިކޮށް ޓީމާއި ހަވާލުވެ ޒަވީ ވަނީ ކުޅުނު ފުރަތަމަ ސީޒަނުގައި ބާސެލޯނާ އަށް ލީގުވެސް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މި ފަހަރުގެ ލީގުގައި ބާސެލޯނާ އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ރެއާލަށް ވުރެ 14 ޕޮއިންޓު ފަހަތުގައެވެ.