ބާސެލޯނާގެ ހެޑް ކޯޗުގެ މަގާމުގައި ހުރި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒް އެ މަގާމުން ވަކިކޮށް، އެ މަގާމާއި ހަވާލުވާނެ ކަމަށް އެންމެ ބެލެވޭ ކެނޑިޑޭޓަކީ ހެންސި ފްލިކުކަން ހާމަވެއްޖެއެވެ.

އެންމެ ފުރަތަމަ ޒަވީ ނިންމާފައިވަނީ މި ސީޒަނަށް ފަހު ބާސާގެ ކޯޗުގެ މަގާމުން އިސްތިއުފާ ދޭށެވެ. ނަމަވެސް ބާސެލޯނާ އާއި އޭނާ އާއި ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަ ވާނީ އަންނަ ސީޒަނަށެވެ. ހަމަ އެއާއި އެކު ޓީމުގެ ރައީސް ލަޕޯޓާގެ އެދުމުގެ މަތިން ޒަވީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް ކޮންޓަރެކްޓް ގައިވާ ތާރީހަށް ބާސެލޯނާގެ ކޯޗު ކަމުގައި ދެމިހުންނަން ނިންމިއެވެ.

ނަމަވެސް މި ފަހުން އަލްމޭރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމު ބަދުނާމުވާ ބީދައިން ވާހަކަ ދައްކާފައި ވާތީ ބާސެލޯނާގެ ބޯޑާއި ޒަވީ އާއި ދެމެދު ވަނީ ދެބަސްވުން އުފެދިފައެވެ. އޭރު ބެލެވުނު ގޮތަށް ބާސާގެ ބޯޑުން މި ވަނީ ޒަވީ އެ މަގާމުން ދުރުކުރަން ނިންމާފައެވެ.

ޒަވީ ބާސެލޯނާ އާ ހަވާލުވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މާލީ ގޮތުން ވަރަށް ބޮޑު އަޑި ގަނޑެއްގައި ޓީމު ވަނިކޮށް ޓީމާއި ހަވާލުވެ ޒަވީ ވަނީ ކުޅުނު ފުރަތަމަ ސީޒަނުގައި ބާސެލޯނާ އަށް ލީގުވެސް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މި ފަހަރުގެ ލީގުގައި ބާސެލޯނާ އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ރެއާލަށް ވުރެ 12 ޕޮއިންޓު ފަހަތުގައެވެ.

ބާސެލޯނާގެ ކޯޗު ކަމުން ޒަވީ ވަކިކޮށްފި -- ފޮޓޯ: އީއެސްޕީއެން

ރިޕޯޓުތައް ބުނާ ގޮތުން ބާސެލޯނާގެ ކޯޗުކަމާއި ދެން ހަވާލުވާނީ ޖަރުމަނުގެ ގައުމީ ޓީމަށާއި ބަޔާން މިޔުނިކަށް ކުރިން ކޯޗުކަން ކޮށްދިން ހެންސި ފްލިކެވެ.

ފްލިކް ވަނީ ބާސެލޯނާގެ ކޯޗުކަމާއި ހަވާލުވުމަށް ކެތްމަދުވެފައިވާ މޭރުމަކުން ވާހަކަވެސް ދައްކާފައެވެ.

2020 ވަނަ އަހަތު ބަޔާން މިޔުނިކަށް ބުންޑަސް ލީގާ އާއި ޑީއެފްބީ ޕޮކަލް އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްދިން ކޯޗު ފްލިކް ވަނީ ބާސެލޯނާ އަށް މިހާރު ކުޅެމުން އަންނަ ޕޮލަންޑުގެ ތަރި ރޮބާޓް ލެވަންޑޯސްކީއަށް ކޯޗުކަން ވެސް ކޮށްދީފައެވެ.