އުމުރުން 13 އަހަރުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ބާސެލޯނާ އާއި ދެމެދު ޓިސޫއެއްގައި ސޮއިކޮށް ވެވުނު އެއްބަސްވުން 762،400 ޕައުންޑަށް ވިއްކާލައިފިއެވެ.

16.5 ސެންޓިމީޓަރުގެ ހަތަރެސްކަން މި ޓިސޫ ރައްކާ ކޮށްފައިވަނީ ފްރޭމަކަށް ލާ ލެމިނޭޓުކޮށްފައެވެ. ބިޑު އުސޫލުން ވިއްކާލި މި ޓިސޫކޮޅުގެ ފުރަތަމަ ސްޓާޓިންގް އަގަކަށް އޮތީ 300،00 ޕައުންޑަށެވެ. މި ކޮންޓްރެކްޓެގައި ސޮއި ކޮށްފައިވަނީ ނޫ ކުލައިގެ ގަލަމަކުންނެވެ. މެސީގެ އިތުރުން ބާސެލޯނާގެ އޭރުގެ ޑިރެކްޓަރ ކާލެސް ރިސަޗާއި ޖޮސްފް މިންގޭލާ ސޮއި ކޮށްފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރިތާ އެއްމަސް ފަހުން މެސީ ވަނީ ބާސެލޯނާ އާއި ގުޅިފައެވެ. އެއަށް ފަހު ބާސެލޯނާގެ ތާރީހުގައި އެންމެ ކާމިޔާބު ކުޅުންތެރިއަކަށް މެސީ ވަނީ ވެފައެވެ.

މެސީ އާއި ބާސެލޯނާއާއި ދެމެދު ފުރަތަމަ ސޮއި ކުރި އެއްބަސްވުން -- ފޮޓޯ: ރޮއިޓާސް

މެސީ އެންމެ ފުރަތަމަ ބާސެލޯނާ އަށް މެޗެއް ކުޅެދީފައިވަނީ އުމުރުން 16 އަހަރުގައެވެ. އެއަށް ފަހު އެ ޓީމުށް ކުޅެދިން 778 މެޗުގައި އޭނާ ވަނީ 672 ގޯލު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން މެސީ ވަނީ ބާސާ އަށް 10 ފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްދީ ހަތަރު ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައެވެ.

އުމުރުން 36 އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ލިއޮނަލް މެސީ މިހާރު ކުޅެމުން އަންނަނީ އެމެރިކާގެ އިންޓަ މަޔާމީ އަށެވެ.

އިންޓާ މިއާމީއަށް މެސީ ބަދަލުވެފައި ވަނީ 50 މިލިއަން ޔޫރޯގެ އަގަކަށެވެ. އަދި އޭގެ އިތުރުން އެޕަލް ޓީވީއިން ލިބޭ ފައިދާއިން ބައެއްވަނީ މެސީއަށް ލިބޭގޮތް ހަދައިފައެވެ. އަދި އެޑިޑާސްއިން ވެސް ވަނީ ހިއްސާ ލިބޭ ގޮތް ހަދައިފައެވެ. މީގެ އިތުރުން މެސީ ރިޓަޔާ ވުމަށްފަހު ޓީމުގެ ޕަސެންޓޭޖެއް ގަތުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ މެސީ އެމެރިކާގެ ކުލަބަކަށް ބަދަލުވުން ވެގެން ދިޔައީ ގިނަ ބަޔަކަށް ގަބޫލު ކުރަން އުނދަގޫވި ކަމަކަށެވެ. މި ބަދަލާއި އެކު ޗެމްޕިއަންސް ލީގުން ދެން މެސީ ފެނިގެން ނުދާނެއެވެ. މިއީވެސް ގިނަ ބަޔަކަށް މޮޅިވެރިކަން ގެނުވި ކަމެކެވެ.