އަންނަ މަހުގެ 15 ވަނަ ދުވަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ހުރިހާ ގޮތަކުންވެސް ފާހަކޮށްލެވޭ މުބާރާތެކެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ ރަސްކަމަށް އައުމަށް ޔޫރަޕްގެ ހުރިހާ ޓީމަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިގޮތުން ޔޫރަޕްގެ ބޮޑެތި ޓީމުތަކެކޭ އެއްގޮތަށް ކުދި ޓީމުތަކުންވެސް މި މުބާރާތަށް ވަމުންދާ ތައްޔާރީތަށް ވަރަށް ގިނައެވެ. މިގޮތުން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހަންގޭރީ އިން ވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ހަންގޭރީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއް

މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ޔޫރޯ ކުޅެފައިވާ ހަންގޭރީ ޓީމު މިފަހަރު މި ނިކުންނަނީ އެ ޓީމުގެ ފަސްވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށެވެ. 1964 ވަނަ އަހަރު ސްޕެއިންގައި ބޭއްވި މުބާރާތުގެ ތިން ވަނަ ހޯދާފައިވާ ހަންގޭރީ އިން 1972 ވަނަ އަހަރުގެ މުބާރާތް ނިންމާލާފައިވަނީ ހަތަރު ވަނައިގައެވެ. އަދި 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގައި އެ ޓީމަށް މުބާރާތް ނިމިފައިވަނީ ގަދަ 16 ޓީމުގެ ބުރުގައެވެ. އަދި އެންމެ ފަހުން 2020 ވަނަ އަހަރުގެ މުބާރާތުން އެ ޓީމަށް މާ ރަނގަޅު ކާމިޔާބެއް ލިބިފައި ނުވާއިރު، އެ މުބާރާތް އެ ޓީމަށް ނިމިފައިވަނީ ފުރަތަމަ ބުރުންނެވެ.

ހަންގޭރީ އެންމެ ފަހުން މުބާރާތުގައި ގުރޫޕް ސްޓޭޖުން ކަޓައިގެން ދިޔައިރު އެ ފަހަރުގެ މުބާރާތުގައި ހަންގޭރީ އާއެކު ދެން ވާދަކޮށްފައި ވަނީ ފަރާންސް އާއި ޖަރުމަނުގެ އިތުރުން ޕޯޗުގަލްއެވެ. އެ މުބާރާތުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން 0-3 ގެ ނަތީޖާ އަކުން ހަންގޭރީ ބަލިވި ނަމަވެސް ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ވަނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ކޮށްފައެވެ. އަދި ޖަރުމަންއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ހަންގޭރީ އިން ވަނީ ޖަރުމަނި މޮޅުވިޔަ ނުދީ ހިފަހައްޓައިފައެވެ. އެ މެޗު ނިމިގެން ދިޔައީ 2-2 ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

މާކޯ ރޮސީ ގެ ކޯޗުކަމުގައި މިފަހަރު ނިކުންނަ ހަންގޭރީ ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނިފައި ނުވި ނަމަވެސް ހަންގޭރީ ޓީމަކީ އަބަދުވެސް ޓީމެއްގެ ގޮތުގައި ކުޅެ ތަފާތު ނަތީޖާތަކެއް ނެރޭ ޓީމެކެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމުން ފްރާންސް އަދި ޖަރުމަނު ޓީމާ ދެކޮޅަށް ދެއްކި ތަފާތު މޮޅު ކުޅުމަކީ ގިނަބަޔަކަށް ހަންގޭރީ ޓީމު ފާހަގަ ވެގެން ދިޔަ އެއް ސަބަބެވެ.

ހަންގޭރީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއް

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރީ ޓީމު ޖަރުމަނުއާ އެކު އެ ގްރޫޕެއްގައި ހިމެނިފައިވުން އެއީ އެ ޓީމަށް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެއެވެ. އެއީ މިފަހަރުގެ މުބާރާތް ޖަރުމަނުގައި ބާއްވާއިރު ޖަރުމަނުގެ އަމިއްލަ ދަނޑުގައި އަދި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ޖަރުމަނާ ދެކޮޅަށް ހަންގޭރީ ނިކުންނަ އިރު އެއީ އެ ޓީމަށް ފަސޭހަ މެޗަކަށް ނުވާނެތީއެވެ. ޖަރުމަނުގެ އިތުރުން ދެން އެ ގުރޫޕުގައި ހިމެނޭ ސްވިޒަލޭންޑްއާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް އެ ޓީމަށް ފަސޭހަ މެޗަކަށް ނުވާނެއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ހަންގޭރީ ޓީމުގައި ޑެނެސް ޑިބުސް ޓީމުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި މިފަހަރުގެ މުބާރާތުގައިވެސް ފެނިގެންދާނެކަމަށް ބެލެވޭއިރު އެޑަމް ލަންގް އާއި އެކު ލެއިޕްޒިކްގެ ޑިފެންޑަރ ވިލީ އޯބެން ހަންގޭރީގެ ޑިފެންސްގައި ހަރަކާތްތެރިވާނެއެވެ. އަދި މީގެ އިތުރުން އެޑަމް ނެގީ އާއި ޑޮނިކިން ސްބޮޒްލައި އެ ޓީމުގެ މެދު ތެރޭގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. އަދި މީގެ އިތުރުން މާޓިން އެޑަމްސް އަންޑްރޭސް ނެމެތް މިފަހަރުގެ ހަންގޭރީގެ ފޯވާޑް ލައިންގައި ހަރަކާތް ތެރިވާނެ ކަމަށް ގަބޫލު ކުރެވެއެވެ.

ޖަރުމަނުގައި މިފަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރީ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ހަންގޭރީ އާއެކު ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނާއި ސްކޮޑްލޭންޑްގެ އިތުރުން ސްވިޒަލޭންޑްއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ވެސް ހަންގޭރީ އަށް ފަސޭހައެއް ނުވާނެއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރީ އިން ކުޅޭ ފުރަތަމަ މެޗު އެ ޓީމުން ކުޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހަންގޭރީ ނިކުންނާނީ ސްވިޒަލޭންޑްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު