އަންނަ މަހުގެ 20 ގައި ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މެޗުތެރެއިން އިތުރު ބަދަލެއް ކުރުމުގެ ފުރުސަތު ޓީމުތަކަށް ދޭން ނިންމައިފިއެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ މައި އިދާރާ ކޮމެބޮލް އިން އިންތިޒާމްކޮށްގެން ބާއްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ކުޅުންތެރިއެއްގެ ބޮލަށް އަނިޔާވެއްޖެ ނަމަ، އިތުރު ބަދަލެއްގެ ގޮތުގައި އެ ކުޅުންތެރިޔާ ބަދަލު ކުރެވޭ ގޮތަށް ހަމަ ޖައްސާފައިވާކަން ކޮމެބޮލް އިން ވަނީ އިއުލާން ކޮށްފައެވެ.

2021 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލް މެޗުގެ ތެރެއިން

މެޗެއްގެ ތެރެއިން ކޮންމެ ޓީމަކަށްވެސް ފަސް ބަދަލު ކުރެވޭއިރު، އެ ޓީމެއްގެ ކުޅުންތެރިއަކަށް މެޗު ތެރެއިން ބޮލަށް އަނިޔާއެއް ވެއްޖެނަމަ މިފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އިތުރު ބަދަލެއްގެ ގޮތުގައި އެ ޓީމަށް އެ ކުޅުންތެރިއަކު ބަދަލު ކުރެވޭނެއެވެ. ކޮންކަޝަން ބަދަލުގެ ގޮތުގައި ކުޅުންތެރިއަކު ބަދަލު ކުރަން ޖެހުނަސް އެ ޓީމަށް ލިބިފައިވާ ފަސް ބަދަލު އެ ޓީމަށް ކުރެވޭނެއެވެ.

ކޮޕާ އެމެރިކާ ބާއްވަމުން އަންނަތާ 48 އަހަރުވެފައިވާ އިރު، ކުޅުންތެރިއެއްގެ ބޮލަށް އަނިޔާ ލިބިގެން އެ ކުޅުންތެރިޔާ ބަދަލު ކުރެވޭ ގޮތަށް އިތުރު ފުރުސަތެއް ދޭ މިއީ ފުރަތަމަ ފަހަރެވެ.

މެޗުގެ ތެރެއިން ކުޅުންތެރިންގެ ބޮލަށް އަނިއާއެއް ލިބިގެން ބަދަލު ކުރަން ޖެހިއްޖެ ހާލަތުގައި ކޮންކަޝަން ބަދަލު ޓީމުތަކަށް ކުރެވޭގޮތަށް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އިން ވަނީ މިދިޔަ މާޗުމަހު ފުޓްބޯޅައިގެ ގަވާއިދުގައި ހިމަނައިފައެވެ. ނަމަވެސް އެކަން ތަންފީޒުކުރުން އެ މުބާރާތެއް އިންތިޒާމްކުރާ ފަރާތެއްގެ އިހުތިޔާރަށް ވަނީ ދޫކޮށްލައިފައެވެ.

ކޮޕަ އެމެރިކާ - މެކްސިކޯ

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަކީ ދެކުނު އެމެރިކާގެ ފުޓްބޯޅަ މައި އިދާރާއިން އިންތިޒާމްކޮށްގެން ދެކުނު އެމެރިކާގެ ދެކުނު އެމެރިކާ އިން 10 ޓީމާއި ސެންޓްރަލް އަދި އުތުރު އެމެރިކާ އާއި ކެރިބިއަން ހިމެނޭހެން 6 ޓީމަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

ކޮޕަ އެމެރިކާ އެންމެ ފަހުން ބާއްވާފައިވަނީ 2021 ވަނަ އަހަރުއެވެ. އެ އަހަރު މި މުބާރާތުގެ ފައިނަލްގައި ބްރެޒިލްއާ ވާދަކޮށް އެ މުބާރާތް ކާމިޔާބު ކުރީ އާޖެންޓީނާއެވެ.

ކިޔުންތެރިންގެ ހިޔާލު