އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފިޓުވާނެ ކަމަށް އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ޖަރުމަނުގެ ބާޔާން މިއުނިކްއަށް ކުޅެމުން އަންނަ ހެރީ ކޭން އަނިޔާގެ ސަބަބުން ބަޔާން މިއުނިކް އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ކުޅެފައިނުވާއިރު، މިފަހަރުގެ ޔޫރޯއަށް ނެގި ސްކޮޑްގައި ހެރީ ކޭން ވަނީ ހިމަނާފައެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީކޭން

މިފަހަރުގެ ޔޫރޯއަށް އެކުލަވާލި އިންގްލެންޑުގެ ސްކޮޑްގައި ހެރީ ކޭން ހިމަނާފައިވާއިރު، އިންގްލެންޑުގެ ކޯޗު ސައުތްގޭޓް ބުނެފައިވަނީ ހެރީ ކޭންއަށް ދިމާދި އަނިޔާގެ މައްސަލަ މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އަދި ފަހު ދެމެޗުގައި ކޭން ނުކުޅެން ނިންމާފައިވަނީ ރެސްޓް ކޮށްލުމުގެ ބޭނުމުގައިކަމަށްވެސް ސައުތުގޭޓް ވަނީ ބުނެފައެވެ.

2015 ވަނަ އަހަރުން ފެށިގެން އިންގްލެންޑްގެ ސީނިއަރ ގައުމީ ޓީމަށް ކުޅެމުން އަންނަ ހެރީ ކޭން މިހާތަނަށް 89 މެޗު އިންގްލެންޑަށް ކުޅެދީފައިވެއެވެ. އަދި 62 ގޯލު ކޭން ވަނީ އިންގްލެންޑަށް ކާމިޔާބުކޮށްދީފައެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނަގާފައިވާ އިންގްލެންޑްގެ ވަގުތީ ސްކޮޑް އިއުލާންކޮށްފައިވާއިރު މިފަހަރުގެ އިންގްލެންޑްގެ ސްކޮޑުން މެންޗެސްޓަރ ޔުނައިޓެޑު ފޯވާޑު މާކަސް ރަޝްފޯޑު އާއި އެޔެކްސްގެ މެދުތެރެއަށް ކުޅެމުން އަންނަ ހެންޑަސަންއަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

އިންގްލެންޑް އާއި ޓޮޓެންހަމްއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ހެރީ ކޭން މި ސީޒަންގައި ކުޅެފައިވަނީ ޖަރުމަނުގެ ބާޔާން މިއުނިކް އަށެވެ. ހެރީކޭން 45 މެޗުން 44 ގޯލު ބަޔާން މިއުނިކްއަށް ކާމިޔާބުކޮށްދީފައިވެއެވެ. އެހެން ނަމަވެސް ބަޔާން މިއުނިކުން މި ސީޒަން ނިންމާލީ އެއްވެސް ތަށްޓެއް ނުލިބިއެވެ.

ކިޔުންތެރިންގެ ހިޔާލު