ސްޕެއިން އާއި އިނގިރޭސި ކްލަބް ވުލްވްސްގެ ކޯޗު ޖޫލެން ލޮޕެޓެގޫ ވެސްޓްހަމް ޔުނައިޓެޑްގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

ލޮޕެޓެގޫ ވެސްޓަހަމްގެ ކޯޗުކަމަށް ހަމަޖައްސާފައިމިވަނީ އެ ޓީމުގެ ކޯޗުކަމުގައި ހުރި ޑޭވިޑް މޮއީސް މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލާފައިވާތީއެވެ. އަދި ލޮޕެޓެގޫ ވެސްޓްހަމްގެ ކޯޗުކަމަށް ހަމަޖައްސާފައިވާކަން އެ ޓީމުން ވަނީ މިއަދު އިއުލާންކޮށްފައެވެ.

ޖުލެން ލޮޕެޓެގޫ

ލޮޕެޓެގޫ މީގެކުރިން ޕޯޓޯ އަށް ވެސް ކޯޗުކޮށްދިނެވެ. އަދި ލޮޕެޓެގޫ ވަނީ ސްޕެއިންގެ ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް ވެސް ކޯޗުކަން ކޮށްދީފައެވެ. ލޮޕެޓެގޫ ވެސްޓްހަމްގެ ކޯޗުކަމާ ހަވާލުވާނީ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ލޮޕެޓެގޫ އާއި ވެސްޓްހަމްއާ ދެމެދު ވެވުނު އެގްރިމެންޓުގެ މާ ބޮޑު ތަފްސީލެއް ލިބިފައިނުވާއިރު، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލޮޕެޓެގޫ ވެސްޓްހަމްއާ ހަވާލުވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

އުމުރުން 57 އަހަރުގެ ލޮޕެޓެގޫ ވަނީ ސްޕެއިންގެ ގައުމީ ޓީމުގެ ހެޑްކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ. އަދި 2016 ވަނައަހަރު ސްޕެއިންގެ ގައުމީ ޓީމާއި ލޮޕެޓެގޫ ހަވާލުވުމަށްފަހު 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފެށެން ދެ ދެވަހަށްވެފައި ވަނިކޮށް ލޮޕެޓެގޫ ވަނީ ސްޕެއިންގެ ކޯޗު ކަމުން ވަކިކޮށްފައެވެ.

ލޮޕެޓެގޫގެ ކޯޗިން ކެރިއަރުގައި އެންމެ ކާމިޔާބު ކުލަބަކީ ސްޕެއިންގެ ސެވިއްޔާއެވެ. އެ ޓީމުގެ ކޯޗުގައި ލޮޕެޓެގޫ ތިން އަހަރު މަސައްކަތް ކޮށްފައިވާއިރު، ލޮޕެޓެގޫ ވަނީ 2020 ޔޫރޮޕާ ލީގުގެ ތަށި އެ ޓީމަށް ހޯދަދީފައެވެ. އަދި ލޮޕެޓެގޫ ވަނީ 2023 ވަނަ އަހަރު ވުލްވްސްއާ ހަވާލުވެ އެ ޓީމު އިނގިރޭސި ޕްރިމިއާ ލީގު ރެލިގޭޝަނުން ސަލާމަތްކޮށްދީފައެވެ.

ޖުލެން ލޮޕެޓެގޫ

ވެސްޓްހަމްގެ ޓެކްނިކަލް ޑިރެކްޓަރު ޓިމް ސްޓެއިޓެން މީޑިއާއާ ވާހަކަ ދައްކަމުން ފާހަގަކުރި ގޮތުގައި އެ ޓީމުގެ ކޯޗުކަމުން ޑޭވިޑް މޯއީސް ވަކިވުމާއެކު، އެ ޓީމަށް ކޯޗެއް ހޯދުމަށް ކުރި މަސައްކަތުގައި އެންމެ ފުރަތަމަ ޓާގެޓަކަށްވީ ލޮޕެޓެގޫއެވެ. އޭނާ ފާހަގަކުރި ގޮތުގައި ލޮޕެޓެގޫ އަކީ ވަކި ވަކި ކުޅުންތެރިންނާއި ޓީމު ގެ ކުޅުން ރަނގަޅުކޮށްދެވޭނެ ކޯޗެކެވެ.

ނިމިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ވެސްޓްހަމް ނިންމާލަން ޖެހުނީ ތާވަލްގެ ނުވަ ވަނައިގައި އޮވެގެނެންވެ. އަދި ޔޫރޮޕާ ލީގުގައި ލެވަކޫސަން އަތްދަށުވެ ވެސްޓްހަމް ވަނީ ކުއާއާ ފައިނަލުން ކަޓައިފައެވެ.