ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ކަމަށް ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ހަމަޖައްސައިފިއެވެ.

ރާއްޖޭގެ އެންނަމްބަރު ނެޓްވޯކު، ދިރާގުގެ އެމްބެސެޑަރ އަކަށް ދީމާ ހަމަޖައްސާފައިވާއިރު، ދީމާ އަކީ އޮލިމްޕިކްސް އަށް ރާއްޖޭން ކޮލިފައިވި ފުރަތަމަ އެތްލީޓެވެ.

ދީމާ އޮލިމްޕިކްސް އަށް ކޮލިފައިވީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދި ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ.

ރާއްޖެއިން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތްލީތުގެ ޝަރަފާއެކު ރާއްޖެ އިން ދީމާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު، ދިރާގުން އެމްބެސެޑަރަކަށް ދީމާ ހަމަޖެއްސީ އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ ހަފުލާގައި ދީމާއާ އެމްބެސެޑާޝިޕް ރަސްމީކޮށް ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދެވެ.

ދިރާގުގެ ބްރޭންޑް އެމްބެސެޑަރ އަކަށް ދީމާ ހަމަޖެއްސުން

އިއްޔެގެ ހަފުލާގައި ދިރާގުގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ދިރާގުގެ އެމްބެސެޑަރަކަށް ދީމާ ވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. ދީމާއަކީ ގައުމުގެ ފަހުރު އެކަނި ނޫން ކަމަށާއި ދީމާއަކީ އަރަމުން އަންނަ އެތައް ޒުވާން ކުދިންނަށް ހިތްވަރެއް ކަމަށްވެސް ވިދާޅުވިއެވެ.

އިއްޔެގެ ހަފްލާގައި ދީމާ ފާހަގަކުރިގޮތުގައި ދީމާގެ ފުރަތަމަ އެމްބެސެޑަރޝިޕް ރާއްޖޭގެ ކުންފުންޔަކުން ލިބުމަކީ ޝަރަފެއް ކަމުގައެވެ. އަދި ރާއްޖޭގެ ކުންފުންޏެއްގެ ބްރޭންޑް އެމްބެސެޑަރަކަށް ވުމަކީ ލިބުނު އުފަލެއް ކަމަށާއި ރާއްޖޭގެ އެއް ނަންބަރު ނެޓްވޯކުން ދިން އެ ފުރުސަތައް އުފާކުރާ ކަމަށް ދީމާ ވަނީ ފާހަގަކޮށްފައެވެ.

ހާއްސަކޮށް ދިރާގުގެ އާއިލާގެ ފަރާތުން ލިބޭ ހިތްވަރާއި ސަޕޯޓަށް އަބަދު ވެސް ޝުކުރު އަދާކުރާ ކަމަށް ދީމާ ބުންޏެވެ.

ދިރާގުގެ ބްރޭންޑް އެމްބެސެޑަރ އަކަށް ދީމާ ހަމަޖެއްސުން

ދިރާގަކީ ރާއްޖޭގެ އެތުލީޓުންނާ ގާތުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ. މީގެ ކުރިންވެސް ދިރާގުން ވަނީ ލެޖެންޑަރީ ބައެއް އެތުލީޓުންނާއި މަގުބޫލު ތަފާތު ފަރާތްތަކާއެކު އެމްބެސެޑާޝިޕް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ލެޖެންޑަރީ ލަވަކިޔުންތެރިޔާ އަލް މަރުހޫމް އަހުމަދު ނާޝިދު (ޒީރޯ ޑިގްރީ) އާއި ރާޅާ އެޅުންތެރިޔާ އިބްރާހީމް އަރީފް، އަބްދުލް ގަފޫރު އަލީ (ގައްބެ)، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަދި ޒޫނާ ނަސީމް (ޒޫންޓި) ވެސް ހިމެނެއެވެ

ކިޔުންތެރިންގެ ހިޔާލު