ކުރިއަށްއޮތް ޖޫން މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިންގެ ޓީމު ކުރިމަތި ލަނީ ވަރުގަދަ ސްކޮޑްއަކާއި އެކު މުބާރާތް ކާމިޔާބުކުރުމަށެވެ. ތިންފަހަރު ޔޫރޯ ކާމިޔާބުކޮށްފައިވާ ސްޕެއިން އިން މިފަހަރުގެ ޔޫރޯ އަށް ނިކުންނަނީ ހަތަރު ވަނަ ފަހަރަށް ޔޫރޯގެ ތަށި ހޯދުމަށެވެ.

ސްޕެއިން

ސްޕެއިން އިން އެންމެ ފުރަތަމަ ޔޫރޯ ތަށި ހޯދާފައިވަނީ 1964 ގަ އެ ގައުމުގައި އެ މުބާރާތް ބޭއްވިފަހަރުގައެވެ. އަދި އޭގެ ފަހުން ޔޫރޯ ބޭއްވި ހަތަރު އަހަރުވެސް ސްޕެއިން ކޮލިފައިނުވާއިރު، ދެން ސްޕެއިން ޔޫރޯ އަށް ކޮލިފައިވެފައިވަނީ 1980 ވަނަ އަހަރު އިޓަލީގައި ޔޫރޯ ބޭއްވި ފަހަރުއެވެ. އެފަހަރު ސްޕެއިން އަށް މުބާރާތް ނިމުނީ ދެވަނަ ބުރައްވެސް ނުގޮސް ފުރަތަމަ ބުރުންނެވެ.

1984 ވަނަ އަހަރު ފްރާންސްގައި ޔޫރޯ މުބާރާތް ކުޅެވުނު އަހަރު ސްޕެއިން ވަނީ އެ މުބާރާތުގެ ފައިނަލްގައިކުޅެ ރަނަރަޕް ކަން ހޯދާފައެވެ. އަދި އޭގެ ފަހުން 1988 ވަނަ އަހަރު ވެސްޓް ޖަރުމަނުގައި ޔޫރޯ މުބާރާތް ކުޅުނު އަހަރު ސްޕެއިން ކަޓައިގެން ދިޔައީ މުބާރާތުގެ ފުރަތަމަ ބުރުންނެވެ. 1992 ވަނަ އަހަރު ސްވިޑަން ގައި ޔޫރޯ މުބާރާތް ކުޅުނު އަހަރު ސްޕެއިން ކޮލިފައިނުވާއިރު ޖެހިގެން އައި އަހަރު ޔޫރޯ އަށް ކޮލިފައިވެ އެފަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ވަނީ ސްޕެއިން ކުޅެފައެވެ.

ނެދަލެންޑްސް އާއި ޖަރުމަނުގައި 2000 ވަނަ އަހަރު ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުން ސްޕެއިން ކަޓާފައިވާއިރު، ޕޯޗުގަލްގައި 2004 ވަނަ އަހަރު ބޭއްވި މުބާރާތުން ސްޕެއިން ކަޓައިގެން ގޮސްފައިވަނީ ގްރޫޕް ސްޓޭޖުންނެވެ.

ސްޕެއިން

2008 ވަނަ އަހަރު ސްވިޒަލޭންޑް އާއި އޮސްޓްރިއާގައި ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ސްޕެއިން އިން ހޯދާ ފައިވާއިރު 2012 ވަނަ އަހަރު ޔޫކްރެއިން އާއި ޕޮލެންޑްގައި ޔޫރޯ ކުޅުނު އަހަރުގެ ތަށިވެސް ހޯދާފައިވަނީ ސްޕެއިންނެވެ. އަދި އޭގެފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވު ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްޕެއިން ކަޓައިގެން ގޮސްފައިވަނީ ގަދަ ސޯޅަ ޓީމުގެ ބުރުންނެވެ. އަދި އެންމެ ފަހުން 2020 ވަނަ އަހަރުގެ ޔޫ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އިން ވަނީ ސެމީ ފައިނަލްގައި ކުޅެފައެވެ.

12 ވަނަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ނިކުންނަ ސްޕެއިން ޓީމަކީ ޔޫރޯގެ ތާރީހުގައި ޖެހިޖެހިގެން ދެ ފަހަރު ޔޫރޯ ގެ ތަށި ހޯދާފައިވާ ހަމަ އެކަނި ޓީމެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ސްޕެއިންގެ ފައިނަލް ސްކޮޑް އަދި އިއުލާން ކޮށްފައި ނުވާއިރު، ސްޕެއިންގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިފަހަރުގެ ސްޕެއިންގެ ސްކޮޑުގައި ޒުވާން ގިނަ ތަރިން ތަކެއް ފެނިގެން ދާނެއެވެ.

ލުއިސް ޑިލާ ފުއެންޓޭގެ ކޯޗުކަމުގެ ދަށުން މިފަހަރުގެ ޔޫރާ އަށް ނިކުންނަ ޓީމުގައި ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ ޒުވާން ތަރި ޕެޑްރީ ވެގެން ދާނީ އެ ޓީމުގެ މުހިންމު ކުޅުންތެރިއަކަށެވެ. އަދި އެ ޓީމުގެ އަރިމަށްޗަކުން ޕެޑްރީ ވެސް މުހިންމު ދައުރެއް މިފަހަރުގެ ޓީމުގައި އަދާކުރާއިރު، ބަޔާން ލެވަކޫސަންގެ ފަހަތަށް ކުޅެމުން އަންނަ އެލެކްސް ގްރިމަލްޑޯ މިފަހަރުގެ ސްޕެއިންގެ ސްކޮޑްގައި ހިމަނާނެކަމަށް ބެލެވެއެވެ.

ޖަރުމަނުގައި އަންނަ މަހު ފެށުމަށް ހަމަ ޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނިކުންނަ ސްޕެއިންގެ ސްކޮޑުގައި ޑެނީ ކާވަހާލް އާއި އައިމެރިކް ލަޕޯޓޭ ސްޕެއިންގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރާނެކަމަށް ބެލެވެއެވެ. އަދި މީގެ އިތުރުން ސްޕެއިންގެ މިހާރުގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާ ކަމަށްވާ ބާސެލޯނާއަށް ކުޅެމުން އަންނަ އުމުރުން 16 އަހަރުގެ ލަމިނޭ ޔަމާލް ވެސް މިފަހަރުގެ ސްޕެއިންގެ ސްކޮޑުން ފެނިގެން ދާނެކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އޮތީ އެންމެ ވަރުގަދަ އެއް ގުރޫޕުގައެވެ. އެއީ ގްރޫޕް ބީ އެވެ. ގްރޫޕް ބީ ގައި ސްޕެއިން އާއި އެކު ދެން ހިމެނެނީ ކްރޮއޭޝިއާ އާއި އިޓަލީގެ އިތުރުން އަލްބޭނިއާއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އެ ޓީމުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު ނިކުންނާނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.