އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީ (އަރްބާ) ގެ ފަރާތުން މެލޭޝިއާގައި ކުރިއަށް ގެންދިޔަ ތަމްރީން ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

މެލޭޝިއާގައި އެއްމަސް ދުވަހަށް ކުރިއަށް ގެންދިޔަ މި ތަމްރީން ކޭމްޕްގެ ދަރިވަރުން ތަމްރީނަށް ފުރާފައިވަނީ އެޕްރިލް 28 ވަނަ ދުވަހެވެ. ތަމްރީން ނިންމާލިއިރު، އެ ދަރިވަރުން މާލެ އަންނާނީ މާދަމާއެވެ.

އަރްބާއިން މެލޭޝިއާގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ގެ ތެރެއިން

މެލޭޝިއާގައި އެއްމަސް ދުވަހަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިން ކޭމްޕްގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެލޭޝިއާގެ ނިއުވިޝަން އެކަޑަމީގެ ހެޑް ކޯޗު ކެބިންއެވެ. ޓްރެއިނިން ފުރިހަމަ ކުރި ދަރިވަރުންނަަށް ސެޓްފިކެޓް ހަވާލުކުރި ރަސްމިއްޔާތުގައި ނިއުވިޝަން އެކަޑަމީގެ ފައުންޑަރ އަދި މެލޭޝިއާގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކޯޗު ޔޫގެންދްރަން އާއި އަރްބާގެ ރައީސާ އަފްނާން ރަޝީދުވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ތަމްރީނުގެ އެއްމެ ބޮޑު އެއް މަގުސަދަކީ ކުރިއަށްއޮތް ޖޫނިއަރ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށް ޒުވާން ރަނގަޅު ބެޑްމިންޓަން ޖީލެއް އުފެއްދުން ކަމުގައި އެ އެކަޑަމީ އިން މައުލޫމާތުދެއްވައެވެ.

މެލޭޝިއާގެ ނިއުވިޝަން އެކަޑަމީ އަރްބާ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 2021 ވަނަ އަހަރުން ފެށިގެން އަރްބާގެ ކުޅުންތެރިން އެއްމަސް ދުވަހުގެ ތަމްރީން ޕްރޮގްރާމްތަކެއް މެލޭޝިއާގައި ކުރިއަށްގެންދެއެވެ. މި ތަމްރީން ޕްރޮގްރާމް ތަކުގައި ކޮންމެ ދުވަހަކުވެސް 2 ގަޑިއިރުގެ 2 ޓްރެއިނިން ސެޝަން ކުރިއަށް ދާނެއެވެ. މެލޭޝިއާގެ ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވާނީ އަރްބާގެ ދަރިވަރުންގެ ތެރެއިން ސެލެކްޝަނެއް ހެދުމަށްފަހުއެވެ. ސެލެކްޝަން ހެދުމަށްފަހު ޓްރެއިނިންއަށް ހޮވޭ ދަރިވަރުން ހިލޭ އެއްމަސްދުވަހުގެ ޓްރެއިނިން އެއް ދަރިވަރުން ފުރިހަމަ ކުރިއެވެ. މިގޮތުން މިފަހަރުގެ ތަމްރީނުގައި އަރްބާގެ 7 ދަރިވަރަކު ބައިވެރިވިއެވެ.

އަރްބާއިން މެލޭޝިއާގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ގެ ތެރެއިން

މިފަހަރުގެ ތަމްރީނުގައި ބައިވެރިވި އަރްބާގެ ދަރިވަރުންގެ ތެރޭގައި ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަރަކާތްތެރިވާ އާއިޝަތު ޔޫމީ އަލީ އަހުމަދުގެ އިތުރުން ރާއިދު ހާނިސް މޫސާ، އާއިޝަތު ހާޖަރު ހާނިސް މޫސާ، އާއިޝަތު ރާނިޔާ ބިންތު ރަހުމަތުﷲ ގެ އިތުރުން މުހައްމަދު ނާޖިލް އިސްމާއިލް ޝަފީގު އާއި ލޫސީން ސަރުވާޝް އާދަމް އަދި ޔޫސުފް ޒިވް މުހައްމަދު ހާލިދު ބައިވެރިވިއެވެ.

މިފަހަރުގެ ތަމްރީނުގައި ބައިވެރިވި ކުދިންނާއި ސެޓްފިކެޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނިއުވިޝަން އެކަޑަމީގެ ފައުންޑަރ ޔޮގެންދްރަން ވަނީ ކުރިއަށް ދިއުމަށް އިތުރަށް ގަދައަޅާ މަސައްކަތް ކުރުމަށް އަރްބާގެ ދަރިވަރުންނަށް އިރުޝާދު ދެއްވާފައެވެ.

އަރްބާގެ ފަރާތުން ފާހަގަ ކުރިގޮތުގައި މީ ވަރަށް ކާމިޔާބު ދަތުރެކެވެ. އަދި ކުރިއަށްވެސް މިކަހަލަ ގިނަ ދަތުރުތަކެއް އަރްބާގެ ދަރިވަރުންނަށް ރޭވިފައިވާކަން ފާހަގަކުރެއެވެ.