ޕޮލެންޑްގައި މިހާރު ކުރިއަށްދާ ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގެ މިކްސް ޑަބަލްސް 13 އަހަރުން ދަށުގެ ބައިގެ ސެމީފައިނަލުން ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފް ގެ ޕެއާ ޖާގަ ހޯދައިފިއެވެ.

ޕޮލެްޑްގައި މިހާރު ކުރިއަށްދާ ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ރާއްޖޭގެ ލައިބާގެ ޕެއާގައި ހިމެނެނީ ލެތްވިއާގެ އޮސްކާސް ބަޖާސް އެވެ.

ޔޮނެކްސް އިންޓަނޭޝަނަލް ފެސްޓިވަލްގެ ތެރެއިން- ފޮޓޯ: ލައިބާ އަހުމަދު މަހުލޫފް

ޔޮނެކްސް އިންޓަނޭޝަނަލް ޕްލިޝް ފެސްޓިވަލްގެ ކުއާޓަރ ފައިނަލްގައި ވާދަކޮށްފައިވަނީ މެކްސިކޯގެ ފެލިކްސް ގެމްބޮރިނޯ އާއި ޕޮލެންޑްގެ އުޒްލާ ރަޓުސިންކާގެ ޕެއާ އާއި ދެކޮޅަށެވެ. މި މެޗު ރާއްޖޭގެ ލައިބާ ޕެއާ އިން ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. ކުއާޓަރ ފައިނަލްގެ ފުރަތަމަ ސެޓު ލައިބާގެ ޕެއާއިން ކާމިޔާބު ކޮށްފައިވަނީ 16-21 އިންނެވެ. އަދި ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ ވެސް 16-21 އިންނެވެ.

މި މުބާރާތތުގެ ޑަބަލްސް ގައިވެސް ލައިބާގެ ޕެއާ ވަނީ ވާދަކޮށްފައެވެ. 13 އަހަރުން ދަށުގެ ބައިގެ ޑަބަލްސް ގެ ދެ މެޗު ލައިބާގެ ޕެއާ އިން ކާމިޔާބުކުރިނަމަވެސް ގަދަ ސޯޅަ ބުރަށް ލައިބާގެ ޕެއާ އަށް ދެވޭގޮތެއް ނުވިއެވެ.

ޔޮނެކްސް ޕްލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގެ ސިންގަލްސް ބައިގައިވެސް ލައިބާ ވަނީ ވާދަކޮށްފައެވެ. ސިންގަލްސްގެ ބައިގެ ގްރޫޕް ސްޓޭޖުގައި ޕޮލެންޑްގެ ހަމްނާ ޒެމްލާ އާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ރާއްޖޭގެ ލައިބާ ދެއްކިނަމަވެސް މި މެޗު ކާމިޔާބުކުރީ ޕޮލެންޑްގެ ކުޅުންތެރިޔާއެވެ. މި މެޗުގެ ފުރަތަމަ ސެޓް ލައިބާ ކާމިޔާބު ކުރި ނަމަވެސް ފަހު ދެ ސެޓް 19-21 އިން ކާމިޔާބުކޮށްފައިވަނީ ޕޮލެންޑްގެ ކުޅުންތެރިޔާ އެވެ.

ޕޮލެންޑްގައި ،މިހާރު ކުރިއަށްދާ ޔޮނެކްސް އިންޓަނޭޝަނަލް ފެސްޓިވަލްގައި 7 ގައުމަކުން 230 ކުޅުންތެރިން ވާދަކުރެއެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ލެތްވިއާ، އެސްޓޯނިއާ، ޖަރުމަނު، މެކްސިކޯ، ލިތުއޭނިއާ ގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޕޮލެންޑް އެވެ.