ބެންޔަންސް އެސޯސިއޭޝަންސް ފޯ އޯލް (ބަފާ) އިން އިންތިޒާމްކޮށްގެން ބާއްވާ ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު އަންނަ މަހުގެ 2 ވަނަ ދުވަހު ފަށަން އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން މިދިޔަ ފަހަރުގެ މުބާރާތުގެ ތެރެއިން

ބާފާ އިން އިންތިޒާމްކޮށްގެން ނ.ހޮޅުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖަކީ ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ހޮޅުދޫ ޔޫތް ސެންޓަރ އާއި ގުޅިގެން ބާއްވާ ބެޑްމިންޓަން މުބާރާތެކެވެ.

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖުގައި ދެ ޑިވިޝަންގެ ކުޅުން ކުރިއަށް ދާނެއެވެ. މިގޮތުން މިފަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޝަންގައި ފަސް ޓީމެއް ބައިވެރިވެފައިވެއެވެ. ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ފެނަކަ ހޮޅުދޫ ބްރާންޗް، ނ.ހޮޅުދޫ ކައުންސިލް، މޭނާ ސްކޫލް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހޮޅުދޫގެ އިތުރުން ސިޔާމް ވޯލްޑްއެވެ.

މިފަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގައި ހަތަރު ޓިމެއް ވާދަކުރާނެއެވެ. އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ މޭނާ ސްކޫލް، ނ.ހޮޅުދޫ ކައުންސިލް، ނ.ހޮޅުދޫ ހެލްތް ސެންޓަރ ގެ އިތުރުން ސިޔާމް ވޯލްޑްއެވެ.

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން މިދިޔަ ފަހަރުގެ މުބާރާތުގެ ތެރެއިން

މި މުބާރާތަކީ ބާފާ އިން ބާއްވާ ދެވަނަ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތެވެ. މިދިޔަ ފަހަރުގެ ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ހޮޅުދޫ މޭނާ ސްކޫލެވެ.

ބާފާ އެސޯސިއޭޝަންއަކީ ނ.ހޮޅުދޫގައި އިޖުތިމާއީ އެކި އެކި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެސޯސިއޭޝަންއެކެވެ. މިގޮތުން ބާފާ އިން ދަނީ ކުޅިވަރު މުބާރާތްތަށް ހޮޅުދޫގައި ރާވައި00 ހިންގަމުންނެވެ.