ނ.ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ނ. ވެލިދޫން ނ. މާޅެންދޫ ބަލިކޮށްފިއެވެ.

ނ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކުރީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ވެލިދޫ އާއި މާޅެންދޫއެވެ.

ވިޒިޓް ވެލިދޫ ވޮލީބޯލް ޓޯނަމެންޓް- ފޮޓޯ: ނޫނު ފޮޓޯސް

ވެލިދޫން މި މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ވެލިދޫން ކާމިޔާބު ކުރީ 13-25 އިންނެވެ. އަދި މި މެޗުގެ ދެވަނަ ސެޓު ވާދަވެރިކޮށް ދިޔައިރު މި ސެޓު ވެލިދޫން ކާމިޔާބު ކުރީ 23-25 އިންނެވެ. އަދި ތިން ވަނަ ސެޓު ވެލިދޫން ކާމިޔާބު ކުރީ 18-25 އިންނެވެ.

ނ. އަތޮޅުގެ ހުރިހާ ރަށަކަށް ދައުވަތުދީގެން ކުރިއަށްދާ މުބާރާތުގައި ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ މާޅެންދޫ އާއި ވެލިދޫގެ އިތުރުން ނ. ފޮއްދޫ، ނ. މަގޫދޫ، ނ. މަނަދޫ، ނ. ކެނދިކުޅުދޫއެވެ. ފިރިހެން ޑިވިޝަންގެ ކުޅުން ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ އަށް ދާ ޓީމުތައް ސެމީ ފައިނަލަށް ދާ ގޮތަށެވެ. އަދި ސެމީ ފައިނަލް ކާމިޔާބުކުރާ ދެ ޓީމެއް ފައިނަލަށް ދަތުރު ކުރާނެއެވެ.

ނ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު، ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތުގައި އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަންގެ ކުޅުން ވެސް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި އަންހެން ޑިވިޝަންގައި ފަސް ޓީމު ވާދަކުރާއިރު، ފިރިހެން ޑިވިޝަންގައިހަ ޓީމެއް ވާދަކުރާނެއެވެ.

ވިޒިޓް ވެލިދޫ ވޮލީބޯލް ޓޯނަމެންޓް- ފޮޓޯ: ނޫނު ފޮޓޯސް

ވެލިދޫ އަދި މާޅެންދޫ ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެލިދޫ ސްޕޯޓްސް ކުލަބް ގެ ހުސެއިން ޝިހާމް އަބްދުﷲ އެވެ.

މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިނެވެ.