އަންނަ މަހުގެ އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ވަގުތު މަޅި ފުޓްސަލް ޗެލެންޖު 2024" ގެ ގުރު ނެގުން ރޭ ކުރިއަށް ގެންގޮސްފިއެވެ.

ގުރު ނެގުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި 32 ޓީމު ވަނީ އަށް ގްރޫޕަކަށް ބަހާލައިފައެވެ.

މިގޮތުން މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބިގަލޯސް ހިމެނުނީ ގުރޫޕު އޭ ގައެވެ. ބިގަލޯސްގެ އިތުރުން ދެން މި ގުރޫޕުގައި ހިމެނެނީ އެކޯ މިކޯ އާއި ކެލާ އެފްޓީ އަދި ބޮޒްނިއާ އެފްޓީއެވެ. ގުރޫޕު ބީ ގައި ލޮރެންޒޯ އެސްސީ އާއި އެފްސީ ގެމަލޭންޑުގެ އިތުރުން ޔަންގް އޮރިޖިންސް އަދި ބުރުނީ އެފްޓީ ހިމެނޭއިރު ގުރޫޕު ސީ ގައި ހިމެނެނީ ރެމްޕޭޖް އާއި ކްލަބް ޕީކޭ އަދި ގޯޓް އެފްސީގެ އިތުރުން މާފަންނު ސީޔޫއެވެ.

ގުރޫޕު ޑީގައި ހިމެނެނީ ޓީއެފްޓީ އާއި އެމްޕޯރިއަމް އެސްސީ އާއި އެންއެސް ރޯމާ އަދި އެފްސީ ބޮއްކުރާއެވެ. ގުރޫޕު އީގައި ޓީއެންޓީ އާއި ޒެފިޔާސް އަދި ވީކޭ އެސްސީގެ އިތުރުން ޖަނަވަރީމަގު އެސްސީ ހިމެނެވެ. މީގެ އިތުރުން ގުރޫޕު އެފްގައި ހިމެނެނީ ފަރުމަތި އާއި އެފްސީ ފައިގަތަޅާ އާއި އޮޑި އެސްސީ އަދި ހުސް އޭޖަސްއެވެ.

ގުރޫޕު ޖީގައި ހިމެނޭ ޓީމުތަކަށް ބަލާއިރު އެފްސީ ކާމްސް، ރަން ކްލަބް، ދަ ވަން އެސްސީ އަދި އެފްސީ ކްލޭސިކް ހިމެނެއެވެ. އަދި ފަހު ގުރޫޕުގައި ހިމެނެނީ ފަސްގަނޑު އެފްސީ އާއި ޔުނައިޓަޑް ރެމްޕޭޖް އަދި ބިއަންކޯ އެފްސީ އަދި ވެސްޓް އިންޑް އެސްސީއެވެ.

މި މިބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ބިގަލޯސް އަދި އެކޯ މިކޯއެވެ.

ދެހާސް އެކާވިސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މަޅި ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ފުޓްސަލްގެ ގިނަ ތަރިންތަކާއެކު ބާއްވަމުން އަންނަ ފޯރި ގަދަ މުބާރާތެކެވެ. ދެހާސް ތޭވީސް ވަނަ އަހަރު މި މުބާރާތް ބާއްވާފައި ނުވާއިރު މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސާއަކީ "ވަގުތު" އެވެ.

ވަގުތު މަޅި ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް 32 ޓީމަށް މިފަހަރު ފުރުސަތު ހުޅުވާލިއެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވި އިރު 32 ޓީމުން ވަނީ މުބާރާތުގައި ބައިވެރި ވެފައެވެ. މިފަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިން ފެނިގެން ދާނެއެވެ.

ވަގުތު މަޅި ފުޓްސަލް ޗެލެންޖު 2024 ކުރިއަށްދާނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު