އިނގިރޭސި ޕްރިމިއާ ލީގު ކުލަބް، ކްރިސްޓަލް ޕެލެސްގެ ތަރި މައިކަލް އޮލިސޭ ހޯދަން ޗެލްސީން ބިޑް ކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޮލިސޭގެ ސޮއި ހޯދަން ޗެލްސީން ބޭނުންވެއެވެ. މިދިޔަ ޕްރިމިއާ ލީގުގެ ސީޒަންގައި ކްރިސްޓަލް ޕެލެސް އަށް މޮޅު ކުޅުމެއް ދެއްކި އޮލިސޭއަކީ ކަނާތް ފަރާތުން ކުރިއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި ބައެއް ފަހަރު އޭނާ އެޓޭކިން މިޑްފީލްޑަރަކަށް ކުޅެމުންދެއެވެ.

ނިމިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި އޮލިސޭ ކުޅުނު 19 މެޗުގައި ވަނީ 10 ގޯލް ޖަހައި ހަ އެސިސްޓް ހަދައިފައެވެ.

ޗެލްސީގެ ކޯޗުކަމުގައި ހުރި މައުރީޝިއޯ ޕޮޗެޓީނޯ ކުއްލި ގޮތަކަށް ވަނީ އިސްތިއުފާ ދީފައެވެ. އެހެންވެ، އާ ކޯޗެއް ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުން އަންނަ އިރު، އެ ކުލަބަށް ކޮންމެ ކޯޗެއް ގެނައި ކަމުގައި ވިޔަސް، އޮލިސޭ ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ކުލަބު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން ޓްރާންސްފާ މާކެޓުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ކުލަބަށް ގެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮލިސޭ ގެންދަން ކްރިސްޓަލް ޕެލެސް އަށް 60 މިލިއަން ޕައުންޑްގެ ފީއެއް ހުށަހަޅަން ޗެލްސީން ތައްޔާރަށް އޮތް ކަމަށްވެއެވެ.

އޮލިސޭ މީގެކުރިން ވަނީ ކްރިސްޓަލް ޕެލެސްއާ އެކުގައި މަޑު ކުރުމަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެކަމަކު، ކުރިއަށް އޮތް ހޫނު މޫސުމުގައި އޮލިސޭ ގެންދިއުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. ހޫނު މޫސުމުގެ ޓްރާންސްފާ ފެށޭނީ މި ސީޒަން ނިމުމާ އެކީގައެވެ.

ޗެލްސީގެ އިތުރުން އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލުން ވެސް އޮލިސޭގެ ސޮއި ހޯދަން ޝައުގުވެރިވެއެވެ. އާސެނަލް އާއި ލިވަޕޫލް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާތީ އުމުރުން 22 އަހަރުގެ އޮލިސޭ އެ ތަނުން ކްލަބެއް ވެސް އިހްތިޔާރު ކުރުން ގާތެވެ.

އޮލިސޭ ވަނީ މީގެކުރިން ޗެލްސީގެ އެކަޑަމީގައި 2009 ވަނަ އަހަރުން ފެށިގެން 2016 ގެ ނިޔަލަށް ކުޅެފައެވެ.