މިހާރު މެލޭޝިއާގައި ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕެން ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މުހައްމަދު ރިހާން ޝިހާމް އާއި މުހައްމަދު އާން ހުސެއިން ގައުމީ ރެކޯޑުތަކެއް އާކޮށްފިއެވެ.

މުހައްމަދު އާން ހުސެއިން-ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕެން ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އާން ވަނީ ދެ ރިކޯޑެއް ގާއިމުކޮށްފައެވެ. އާން އާކުރި ރެކޯޑްތަކަށް ބަލާއިރު ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އާން އައުކުރީ 54:46 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އާން ވަނީ މި އިވެންޓުން ފައިނަލް ސީއަށްވެސް ދަތުރުކޮށްފައެވެ. ފައިނަލްގައި އާން ރޭސް ނިންމާފައިވަނީ 54:75 ސިކުންތެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ އާންގެ އަތުގައެވެ. އެއީ މި އަހަރުގެ ކުރީކޮޅު ބޭއްވި އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި 55:11 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އާން އައުކޮށްފައިވަނީ 24:28 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއާއެކު އާން ވަނީ މި އިވެންޓުން ފައިނަލް ބީއަށްވެސް ދަތުރުކޮށްފައެވެ. 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިންވެސް އޮތީ އާންގެ އަތުގައެވެ. އެއީ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި 24:34 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މުހައްމަދު ރިހާން ޝިހާމް -ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

66 ވަނަ މެލޭޝިއާ އޯޕެން ސްވިމިން ޗެމްޕިއަންޝިޕްގައި އާންގެ އިތުރުން ރިހާން ވެސް ވަނީ މިހާތަނަށް ހަތަރު ރިކޯޑެއް ގާއިމްކޮށްފައެވެ. އެއީ ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑާއި، ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑުގެ އިތުރުން ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރިކޯޑެވެ. އަދި ދެ ފަހަރެއްގެ މަތިން 100 މީޓަރު ބަޓަރފްލައި އިވެންޓުުގެ ރިކޯޑް ރިހާން ވަނީ މި މުބާރާތުގައި އާކޮށްފައެވެ.

ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ރިހާން ހެދީ 18:3:57 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރިކޯޑު މީގެ ކުރިން އޮތީ މުބާލް އައްޒާމް އިބްރާހީމްގެ އަތުގައެވެ. އެއީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 19:26:54 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު ރިހާން އެންމެ ފުރަތަމަ އައުކުރީ 1:0:73 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެހެންކަމުން އެ އިވެންޓުގެ ފައިނަލް ސީއަށް ރިހާން ދަތުުރުކުރިއިރު، ފައިނަލް ސީގައި ރިހާން ވަނީ 1:0:14 ސިކުންތުން ރޭސް ނިންމައި، އަނެއްކާވެސް ރިކޯޑު އާކޮށްފައެވެ. މީގެ ކުރިން ރިހާން މި އިވެންޓުގެ ގައިމީ ރިކޯޑު ހަދާފައިވަނީ މި އަހަރުގެ ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. އެއީ 1:1:60 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މި މުބާރާތުގައި ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު ރިހާން އައުކުރީ 2:22:07 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެހެންކަމުން ރިހާން ވަނީ މި އިވެންޓުން ފައިނަލް ސީއަށްވެސް ދަތުރުކޮށްފައެވެ. 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ މުބާލްއެވެ. 2022 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި މުބާލް ރޭސް ނިންމާފައިވަނީ 2:23:69 ސިކުންތުންނެވެ.