ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވި ގޮތުގައި އެ މަސައްކަތަކީ ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތަށް ގާތް ގަނޑަކަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވެސް ވުޒާރާއިން ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ ތެރެއިން -ފޮޓޯ: ކުޅިވަރު މިނިސްޓްރީ

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި ސިވެކްއިން ވެފައިވާ އެއްބަސްވުމުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ލައިޓްތަކުގެ މިހާރުގެ ހާލަތު ބެލުމަށް ފަހު، ބަދަލުކުރަން ޖެހޭ ލައިޓްތައް ބަދަލުކުރުމާއި، މުޅި ލައިޓިން ސިސްޓަމްގެ ވަޔަރިން ބަދަލުކުރުމުގެ އިތުރުން ލައިޓިން ސިސްޓަމްގެ އެހެނިހެން މަރާމާތުތައް ކަމުގައި މިނިސްޓްރީއިން މައުލޫމާތު ދެއްވައެވެ.

މިނިސްޓްރީއިން މައުލޫމާތު ދެއްވި ގޮތުގައި ދަނޑުގެ ލައިޓިން މަރާމާތުކުރުމުގެ މަސައްކަތުގައި ފުރަތަމަ ކުރިއަށްގެންދިޔައީ ލައިޓްތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި އެކަންތައްތައް ދެނެގަތުމުގެ މަސައްކަތެވެ. އޭގެ ފަހުން މިހާރު ވަނީ ލައިޓްތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ ތެރެއިން -ފޮޓޯ: ކުޅިވަރު މިނިސްޓްރީ

މިދިޔަ ފަސް އަހަރަށް ބަލާއިރު، ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލަ ޖެހި ފުޓްބޯޅަ ސީޒަންގެ މެޗުތައް ކުރިއަށްގެންދިޔުމަށް ދަތިތަކެއް ދިމާވިއެވެ. އެންމެ ފަހުން މިދިޔަ އޮގަސްޓް މަހު ދަނޑުގެ ލައިޓްތައް ވަރަށް ބޮޑަށް މައްސަލަ ޖެހި ބޭނުންނުކުރެވޭވަރުވިއެވެ. އެހެންވެ އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް ކުޅެން ޖެހުނީ ހަވީރެވެ. ރޭގަނޑު މެޗުތައް ނުކުޅެވުމުގެ ސަބަބުން މުބާރާތުގެ މެޗުތައް ދޮޅު މަހަށްވުރެ ދިގުލައިގެންދިޔައެވެ.

ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އިން ކުރަމުން އަންނަ ލައިޓްތައް މަރާމާތުކުރުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ނިންމާލެވެނޭކަމަށް ލަފާކުރެވޭކަމަށް މިނިސްޓްރީއިން މައުލޫމާތުދެއްވައެވެ.