ނ. ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓްގެ ފިރިހެން ޑިވިޝަންގައި ކެނދިކުޅުދޫ އާއި މާޅެންދޫ ބައްދަލުކުރި މެޗު ހަނި ގޮތަކަށް މާޅެންދޫއިން ކާމިޔާބުކޮށްފިއެވެ.

ނ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު އެ އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓްގައި ރޭ ކެނދިކުޅުދޫ އާއި މާޅެންދޫ ވާދަކުރި މެޗު މާޅެންދޫ އިން ކާމިޔާބުކުރީ 2-3 ސެޓުންނެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް

ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ މާޅެންދޫ އިންނެވެ. އެ ސެޓު މާޅެންދޫ އިން ކާމިޔާބުކުރީ 23-25ގެ ނަތީޖާ އަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުވެސް ކާމިޔާބުކޮށްފައިވަނީ މާޅެންދޫ ޓީމުންނެވެ. އެ ސެޓު މާޅެންދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ 18-25ގެ ނަތީޖާ އަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ދެ ސެޓު މާޅެންދޫއިން ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެ ސެޓު ކެނދިކުޅުދޫއިން ކާމިޔާބުކޮށް މެޗުގެ ނަތީޖާ ނެރުމަށް ފަސްވަނަ ސެޓެއް ކުޅެން ޖެހުނެވެ. އެގޮތުން މެޗުގެ ތިންވަނަ ސެޓު ކެނދިކުޅުދޫ އިން ކާމިޔާބުކޮށްފައިވަނީ 14-25ގެ ނަތީޖާ އަކުންނެވެ. އަދި މެޗުގެ ހަތަރު ވަނަ ސެޓު ކެނދިކުޅުދޫއިން ކާމިޔާބުކޮށްފައިވަނީ 17-25ގެ ނަތީޖާ އަކުންނެވެ.

މިހާތަނަށް އެ މުބާރާތުގައި ފެނިގެންދިޔަ އެންމެ ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ކޮންމެ ޓީމަކުންވެސް ދެ ސެޓު ހޯދުމާއި އެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައިވަނީ މާޅެންދޫ ޓީމުންނެވެ. 15 ޕޮއިންޓަށް ކުޅުނު އެ ސެޓު މާޅެންދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ 10-15ގެ ނަތީޖާ އަކުންނެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް

ނ. ވެލިދޫގައި ކުރިއަށްދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓްގެ ފިރިހެން ޑިވިޝަންގެ ހަތަރުވަނަ މެޗުގައި މާޅެންދޫ ވޮލީ ޓީމާއި ކެނދިކުޅުދޫ ވޮލީ ޓީމު ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޅެންދޫ ޓީމުގެ އާރިފް އީސާއެވެ.

މިއަދުވެސް މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ވެލިދޫ ސްޕޯޓްސް ކުލަބާއި ކެނދިކުޅުދޫ ވޮލީ ޓީމެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައެވެ. އަދި މިއަދުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ މަނަދޫ ސްޕޯޓްސް ކުލަބާއި މަގޫދޫ ވޮލީ ޓީމެވެ. އެ މެޗު ފެށުމަށް ހަމަ ޖެހިފައިވަނީ މިރޭ 8:30 ގައެވެ. މިއަދު ކުޅޭނީ ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް 2024 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންނެވެ.