ރާާއްޖޭގެ އެންމެ ކާމިޔާބު އެއް ބެޑްމިންޓަން އެކަޑަމީ ކަމަށްވާ އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ (އަރްބާ) އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

2021 ވަނަ އަހަރުން ފެށިގެން ދަރިވަރުން ތަމްރީން ކުރަމުން އަންނަ އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ (އަރްބާ) އަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އުމުރުން 4-18 އަހަރާއި ދެމެދުގެ ބެޑްމިންޓަން ކުޅުމަށް ޝައުގުވެރިވާ ކުދިންނަށް އަރްބާ އަށް ވަނުމުގެ ފުރުސަތު ލިބޭނެއެވެ.

އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީ

ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އަފްނާން ރަޝީދު އުފައްދާފައިވާ އަރްބާއަކީ ރާއްޖޭގައި ހިންގާ ބެޑްމިންޓަން އެކަޑަމީތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް އެކަޑަމީއެވެ. އަރްބާ އުފެދުނު ފަހުން އެ އެކަޑަމީން ތަމްރީނު ވަމުން އަންނަ ދަރިވަރުން އަންނަނީ ރާއްޖޭ އާއި ރާއްޖޭން ބޭރުގައި ރަނގަޅު ކާމިޔާބީތަކެއް ހާސިލް ކުރަމުންނެވެ.

އަރްބާ)އިން ތަމްރީނު ވަމުން އަންނަ ދަރިވަރުން ހޯދާފައިވާ ބައެއް ކާމިޔާބީ ތަކަށް ބަލާއިރު، 2022 ވަނަ އަހަރު ކުރިއަށްދިޔަ ލިޓަސް 17 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ގްރޭޑް 8-7 އަދި ގްރޭޑް 12-11 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަރްބާ އިން ކޯޗުކަންކޮށްދީގެންނެވެ. އަދި މީގެ އިތުރުން ހަމަ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޭޑް 12-11 ގެ ސިލްވަރ މެޑަލް އަދި ގްރޭޑް 8-7 ގެ ފިރިހެން ޑިވިޝަންގެ ބްރޯންޒް މެޑަލް ހޯދާފައިވަނީ ވެސް އަރްބާގެ ދަށުން އިރުޝާދު ދިން ޓީމުތަކެވެ.

މެލޭޝިއާގެ ޓްރެއިނިންގައި ބައިވެރިވި އަރްބާގެ ދަރިވަރުން -ވަގުތު އިމޭޖެސް: މުހައްމަދު އަލީފް

އަރްބާއިން އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި އަހުމަދިއްޔާގެ ކުޅުންތެރިންނަށް ކޯޗުކަން ކޮށްދީފައިވާއިރު، އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ގްރޭޑް 12-11 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަމާއި ގްރޭޑް 8-7 ގެ ރަނަރަޕް ކަންވެސް ހޯދާދީފައިވެއެވެ.

އަރްބާ އިން ދަނީ ދުނިޔޭގެ ބޮޑެތި މުބާރާތް ތަކަށްވެސް ރާއްޖޭގެ ދަރިވަރުން ތަމްރީނު ކުރަމުންނެވެ. މިގޮތުން މިދިޔައަހަރު ޖަރުމަނުގެ ބާލިންގައި ކުރިއަށް ދިޔަ ސްޕެޝިއަލް އޮލިމްޕިކްސް ވޯލްޑް ސަމަރ ގޭމްސްގައި ބައިވެރިވި ރާއްޖޭގެ އެތްލީޓުންނަށް އަރްބާއިން ވަނީ ކޯޗުކަން ކޮށްދީފައެވެ.

އަރްބާ އިން އަންނަނީ އެ އެކަޑަމީގެ ދަރިވަރުންނަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. މިގޮތުން 2021 ވަަނަ އަހަރު އަރްބާއިން ވަނީ އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތެއް ބާއްވާފައެވެ. އަދި މީގެ އިތުރުން 2022 ވަނަ އަހަރު އަރްބާ އިން ވަނީ އަރްބާ ވޮމެންސް ޓީމް އިވެންޓަކާއި އަރްބާ ޕޫލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިއަށް ގެންގޮސްފައެވެ. އަރްބާ ޕޫލް ބެޑްމިންޓަން ޗެމްޕިއަންޝިޕަކީވެސް ކޮންމެ އަހަރަކު އެ އެކަޑަމީން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މީގެ އިތުރުން އަރްބާއިން ވަނީ މިއަހަރު ފިތުރު އީދާއި ދިމާކޮށް އީދު އުފާ އަރްބާ މިކްސް އިވެންޓެއްވެސް ކުރިއަށް ގެންގޮސްފައެވެ.

އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީ

އަރްބާއިން އެ އެކަޑަމީގެ ދަރިވަރުންނަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް އެ އެކަޑަމީން މެލޭޝިއާ އަށް ދަރިވަރުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމެވެ. މެލޭޝިއާގެ ގައުމީ ޓީމުގެ ކޯޗުގެ އެކަޑަމީ ކަމަށްވާ ނިއުވިޝަން އެކަޑަމީ އާއި އެކު 2022 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން އަރްބާ އިން ޓްރެއިނިންއަށް ހޮވާލެވޭ ކުދިން އަރްބާގެ ހަރަދުގައި މެލޭޝިއާގައި ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވާނެއެވެ.

އަރްބާ އާއި އަލަށް ގުޅުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ އެކަޑަމީ އާއި ގުޅުމަށް ބޭނުންވާ ދަރިވަރުން އަރްބާގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖަށް މެސެޖުކުރުމަށް އެ އެކަޑަމީން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު