ޗެލްސީގެ އާ ކޯޗަކަށް ލެސްޓަރ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ގެނައުމަށް ޗެލްސީން އޭނާއާ ވާހަކަ ދައްކަން ފަށައިފިއެވެ.

ޗެލްސީގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މިދިޔަ ހަފްތާގައި އެ ޓީމު ދޫކޮށްލާފައިވާއިރު، ޗެލްސީން ދަނީ އެ ޓީމަށް ކޯޗެސް ހޯދުމަށް ވަރަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ލެސްޓަރ ސިޓީގެ ކޯޗު މަރެސްކާ އެ ޓީމަށް ގެނައުމަށް މިހާރު ޗެލްސީން އަންނަނީ އޭނާއާ ވާހަކަ ދައްކަމުންނެވެ.

ލެސްޓަރ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ

އިޓަލީއަށް އުފަން 44 އަހަރުގެ މަރެސްކާ ލެސްޓަރ ސިޓީ އާއި ގުޅިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މަރެސްކާ ވަނީ ލެސްޓަރ ސިޓީ އާއި ހަވާލުވެ އެ ޓީމު އަލުން އިނގިރޭސި ޕްރިމިއަރ ލީގަށް ކޮލިފައިކޮށްދީފައެވެ.

ޗެލްސީގެ ކުރީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިވިކަން މިދިޔަ ހަފްތާގައި އިއުލާންކޮށްފައިވާއިރު ޗެލްސީން ވަނީ ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑިޒާބީ އާވެސް ވާހަކަ ދައްކާފައެވެ. އަދި މީގެ އިތުރުން ބްރެންޓްފޯޓްގެ ކޯޗު ތޯމަސް ފްރޭންކް އާވެސް ޗެލްސީން ވަނީ ވާހަަކަ ދައްކާފައެވެ.

ޗެލްސީގެ އާ ކޯޗުކަމަށް ގެނައުމަށް ޗެލްސީ އިން މަރެސްކާ އާއި ވާހަކަ ދައްކާފައިވާއިރު، މަރެސްކާ ވަނީ ޗެލްސީގެ ހެޑްކޯޗުކަމަށް އައުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ޗެލްސީން އުންމީދުކުރީ ގޮތުގައި އަންނަ ހަފްތާތެރޭ އެ ޓީމުން ލެސްޓަރ ސިޓީއާއި ވާހަކަ ދެއްކުމަށްފަހު މަރެސްކާ އެ ޓީމަށް ގެނައުމުގެ ކަންކަން ފައިނަލް ކުރެވޭނެއެވެ.

ލެސްޓަރ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ

ލެސްޓަރ ސިޓީގެ ކޯޗުކަމުގައި މިހާރު ހުރި މަރެސްކާ ކޯޗިން ކެރިއާ ފަށާފައިވަނީ ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް އެއްގެ ގޮތުގައި މެންޗެސްޓަރ ސިޓީންނެވެ. ޗެލްސީގެ ކޯޗުކަމާއި ހަވާލުވުމުގެ ޝައުގުވެރިކަން މަރެސްކާ ފާޅުކޮށްފައިވާއިރު ޗެލްސީން މަރެސްކާ އަށް ރަނގަޅު ހުށައެޅުމެއް ހުށައަޅާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗެލްސީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިވެފައިވަނީ ދެފަރާތުން ވާހަކަ ދެއްކުމަށް ފަހުގައެވެ. އަހަރެއްހާ ދުވަހު ޗެލްސީގެ ކޯޗުކަމުގައި ހުރުމަށްފަހު ޕޮޗެޓީނޯ ޗެލްސީ ދޫކޮށްލާފައިވާއިރު، ޗެލްސީ މިފަހަރުގެ ސީޒަން ނިންމާލީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޭބަލްގެ 6 ވަނައިގައެވެ.