އިނގިރޭސި ޕްރިމިއާ ލީގުގެ މިދިޔަ މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޗެލްސީގެ ޒުވާން މިޑްފީލްޑަރު ކޯލް ޕާމާ ހޯދައިފިއެވެ.

މިއީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޗެލްސީގެ ބެލްޖިއަމް ފޯވާޑް އެޑިން ހަޒާޑު ހޯދި ފަހުން ޗެލްސީގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މި ސީޒަންގައި ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ޕާމާ ވަނީ މިދިޔަ މަހު ޗެލްސީ އަށް ކުޅުނު ހަތަރު މެޗުގައި ހަތް ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އެއް ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އެގޮތުން ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 4-3 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައި ޕާމާ ތިން ލަނޑު ޖެހިއިރު، އެވަޓަން އަތުން 6-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައި ޕާމާ ވަނީ ހަތަރު ލަނޑު ޖަހައިފައެވެ.

މީގެ އިތުރުން މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި ވެސް އޮތީ މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީއާ ގުޅުނު ޕާމާއެވެ. އޭނާ ވަނީ ލީގުގައި ޗެލްސީއަށް ކުޅެދިން 30 މެޗުގައި 21 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު 9 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

އޭޕްރީލް މަހުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ފަސް ކުޅުންތެރިއަކު ނޮމިނޭޓުވެފައިވާއިރު، ޕާމާގެ އިތުރުން ދެން ހިމެނުނީ މެންޗެސްޓާ ޔުނަޓެޑުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް، އާސެނަލްގެ ޖަރުމަން ފޯވާޑް ކައި ހަވާޓްޒް، މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ގާޑިއޯލްއާ، އެވަޓަންގެ ކީޕަރު ޕިކްފޯޑް އަދި ކްރިސްޓަލް ޕެލަސްގެ ފޯވާޑް ޖީން ލިޕިޕޭ މަޓޭޓާ އެވެ.

ޕްރިމިއާ ލީގުގެ އޭޕްރިލް މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޗެލްސީގެ ޕާމާ ހޯދާފައިވާއިރު މާޗް މަހު މި އެވޯޑް ހޯދާފައިވަނީ ފުލަމްގެ ރޮޑްރިގޯ މުނިޒްއެވެ.