ހަތަރު އަހަރަށް ފަހު ބްރެޒިލްގެ ތަރި ތިއާގޯ ސިލްވާ ޗެލްސީ ދޫކޮށްލަން ނިންމައިފިއެވެ.

މި ސީޒަން ނިންމާލުމަށް ފަހު ޗެލްސީ ދޫކޮށް ދާނެ ކަމަށް ތިއާގޯ ސިލްވާ ބުނެފިއެވެ. މީގެ އިތުރުން ކޮންމެވެސް ދުވަހަކުން ޗެލްސީގެ ކޮންމެވެސް ޓެކްނިކަލް މަގާމަކުން ފުރުސަތު ލިބިއްޖެނަމަ އެނބުރި އަންނަން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައެެވެ.

"އަހަރެން ޗެލްސީ އަށް އައީ އެއް އަހަރު. އެކަމު ހަތަރު އަހަރު މަޑު ކުރެވިއްޖެ. އެއީ ޓީމަށާއި ސަޕޯޓަރުންނަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން. މި ހަތަރު އަހަރު ތެރޭ އަހަރެން ބެލީ އަހަރެންގެ އެންމެ މޮޅު ކުޅުން ދެއްކޭތޯ. އުއްމީދު ކުރަނީވެސް އެގޮތަށް އެކަންވީ ކަމަށް"

އިތުރަށް ސިލްވާ ބުނީ އޭނާ ޗެލްސީ އަށް އައީ އެއް އަހަރު ދުވަހަށް ކަމަށާއި ނަމަވެސް ހަތަރު އަހަރު މަޑު ކުރީ ޓީމަށް ޖެހުނު ލޯތްބެއްގެ ސަބަބުން ކަމަށެވެ. އަދި ހަތަރު އަހަރު ވަންދެން އޭނާގެ ފަރާތުން އެންމެ ފުރިހަމަ ކުޅުމެއް ދެއްކޭތޯ މަސައްކަތް ކޮށްފައިވާނެކަމަށް އޭނާ ބުންޏެވެ.

ތިއާގޯ ސިލްވާ ޗެލްސީ ދޫކޮށްލަން ނިންމައިފި -- ފޮޓޯ: ދި އިންޑިޕެންޑެންޓް

މީގެ އިތުރުން އޭނާ ބުނީ ކޮންމެ ކަމަކަށް ވެސް ނިމުމަކާއި ފެށުމެއް ވާނެ ކަމަށާއި މިއީ އޭނާ ޗެލްސީ އާއި ދުރަށް ޖެހިލާ ވަގުތު ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ޗެލްސީގެ ދޮރު އޭނާއަށް ހުޅުވާފައި ހުންނާނެ ކަމަށާއި ރިޓަޔާ ކުރުމަށް ފަހު ޗެލްސީއަށް އެހީތެެރިވެދޭން ބޭނުންވާ ކަމަށް ސިލްވާ ބުންޏެވެ.

އުމުރުން 39 އަހަރުގެ ތިއާގޯ ޗެލްސީ އާއި ގުޅިފައިވަނީ 2020 ވަނަ އަހަރުއެވެ. އޭރު އޭނާ ކުޅެމުން އައީ ޕީއެސްޖީއަށެވެ. އޭގެ ފަހުން ޗެލްސީގައި އޭނާ އައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޗެލްސީ އަށް މިހާތަނަށް 151 މެޗު އޭނާ ކުޅެދީފައިވާ އިރު އޭނާ ވަނީ ޗެލްސީ އަށް ޔުއެފާ ޗެމްޕިއަންސް ލީގާއި، ސުޕާ ކަޕް އަދި ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައިވެއެވެ.