މިވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ހެޑް ކޯޗުގެ މަޤާމުގައި ހުރި މާރިއޯ ޕޮޗެޓީނޯ އަށް އޭނާގެ މުޅި ހަޔާތުގައިވެސް ކުރެވުނު އެންމެ ރަނގަޅު ކަމަކީ އިނގިރޭސި ފުޓުބޯޅައިގެ ތެރެއަށް ވަނުން ކަމަށް އޭނާ ބުނެފިއެވެ.

52 އަހަރުގެ ޕޮޗެޓީނޯ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއަށް ކޯޗުކަން ކޮށްދިނުމުގެ އިތުރުން ސައުތެމްޓަން އަށާއި ޓޮޓެންހަމަށް ވެސް ކޯޗުކަން ކޮށްދީފައެވެ. އޭނާގެ މިހާރުގެ ކުލަބު ޗެލްސީ އާއި ކުރީގެ ކުލަބު ޓޮޓެންހަމާއި ދެކޮޅަށް މިރޭ ނިކުންނަ މެޗު ވެގެންދާނީ އޭނާގެ ކޯޗިން ކެރިއަރުގައި އިނގިރޭސި ކުލަބުތަކަށް ކޯޗުކޮށްދޭ 400 ވަނަ މެޗަށެވެ.

ޕޮޗެޓީނޯ ބުނީ އިނިގިރޭސި ކުލަބަކަށް ކޯޗުކޮށްދޭން އޭނާ އަބަދުވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ހީ ނުކުރާ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އިނގިރޭސި ކުލަބަކުން އެންމެ ފުރަތަމަ އޭނާ އަށް ފުރުސަތު ލިބުނީ އޭނާގެ އަންހެނުންގެ ބުރަ މަސައްކަތުން ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ޗެލްސީގެ ހެޑް ކޯޗު ޕޮޗެޓީނޯ -- ފޮޓޯ: ރޮއިޓާސް

މާރިއޯ ޕޮޗެޓީނޯ ވަނީ 2013 ވަނަ އަހަރު އިނގިރޭސި ކުލަބު ސައުތެމްޓަނަށް ކޯޗުކަން ކޮށްދީފައެވެ. ޖެހިގެން އައި އަހަރު ޓޮޓެންހަމަށް ބަދަލުވެ އޭނާ ވަނީ 2019 އާއި ހަމައަށް އެ ޓީމަށް ކޯޗުކަން ކޮށްދީފައެވެ.

ޓޮޓެންހަމުގައި އޭނާ ހޭދަކުރި 5 އަހަރު ތެރޭގައި އޭނާ ވަނީ 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދީފައެވެ. އަދި 2015 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ފައިނަލަށް ވެސް ޕޮޗެޓީނޯ ވަނީ އެ ޓީމު ގެންގޮސްދީފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ ޓޮޓެންހަމަށް އޭނާ ހޯދައިދީފައިވެއެވެ.

ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާގެ މިހާރުގެ ޓީމު ޗެލްސީ އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އެ ޓީމަަށް އަންނަ ސީޒަނުގައި ޔޫރަޕިއަން މުބާރާތަކުން ފުރުސަތު ނުލިބޭނެއެވެ.

ޗެލްސީގެ ގިނަ ސަޕޯޓަރުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ދަނީ ގޮވާލަމުންނެވެ. މި ސީޒަނުގެ މެދު ތެރޭގައި ޗެލްސީން އޭނާ ދުރުކުރަން އުޅޭ ފަދަ އަޑުތަކެއް ވެސް ވަނީ އަރާފައެވެ. ނަމަވެސް މިހާރު އެވާހަކަ އެއް ނުދެކެވެއެވެ.