ޖަރުމަނުގައި އަންނަ މަހު ފަށާ ޔޫރޯ 2024 މުބާރާތުގެ ގުރޫޕު ބީއަކީ ފާހަގަކޮށްލެވޭ ވަރުގަދަ ޓީމުތަކެއް އޮތް ގުރޫޕެކެވެ. މި މުބާރާތުގައި ކުރިއަށް ދިޔުމަށް އަލްބޭނިއާ އަށް ކުރަން އޮތް ދަތުރަކީ ވަރަށް ކަނޑު ގަދަ ވާނެ ދަތުރެކެވެ.

ގުރޫޕު ބީ ގައި އަލްބޭނިއާ ވާދަކުރަން ޖެހޭނީ، ކްރޮއޭޝިއާ، ސްޕެއިން އަދި އިޓަލީއާއެވެ. މި ތިން ޓީމަކީވެސް ވަރުގަދަ ސްކޮޑަކާއި އެކު މުބާރާތާއި ކުރިމަތިލާ ނަން ހަރުކޮށް ކިޔޭ ތިން ޓީމެވެ.

އަދި މިހާތަނަށް އަލްބޭނިއާ އިން މުބާރާތަށް ނެރޭ ސްކޮޑު އިއުލާނުލޮށްފައި ނުވާއިރު މި ފަހަރުގެ މުބާރާތަކީ އެ ގައުމުގެ ތާރީހުގައިވެސް މި މުބާރާތް ކުޅޭނެ ދެވަނަ ފަހަރެވެ. އަލްބޭނިއާ އިން ފުރަތަމަ ފަހަރު ޔޫރޯ ކުޅެފައިވަނީ 2016 ވަނަ އަހަރުއެވެ. ދެން ޖެހިގެން އައި 2020 ވަނަ އަހަރުގެ މުބާރާތަށް އެ ގައުމު ކޮލިފައިވެފައެއް ނުވެއެވެ. އަދި 2016 ވަނަ އަހަރު އެ ގައުމި ވަނީ މުބާރާތުގެ ގުރޫޕު ސްޓޭޖުން މުބާރާތާއި އަލްވަދާއު ކިޔާފައެވެ.

މި ފަހަރުގެ މުބާރާތަށް އަލްބޭނިއާ ދަތުރު ކުރީ ޔޫރޯ ކޮލިފައިންގެ ގުރޫޕު އީ ގެ އެއްވަނަ ހޯދައިގެންނެވެ. ގުރޫޕުގައި ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމުން ވަނީ 4 މެޗު ކާމިޔާބުކޮށްފައެވެ. އަދި 3 މެޗުމް އެއްވަރުވިއިރު އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

މިއަހަރުގެ މުބާރާތުގައި އަލްބޭނިއާ އަށް ކޯޗުކަން ކޮށްދޭނީ ކުރިން ބާސެލޯނާ އަދި އާސެނަލަށް ކުޅެފައިވާ ސިލްވީނިއޯއެވެ. ބްރެޒިލްގެ ކޯޗު ޓީމާއި ހަވާލުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭނާ ވަނީ އޭގެ ކުރިން ފްރާންސްގެ ލިއޯނަށް ކޯޗުކަން ކޮށްދީފައެވެ.

އަލްބޭނިއާ މިމުބާރާތާއި ކުރިމަތިލާއިރު އެ ޓީމަކީވެސް ދަށް ޓީމެކޭ ނުބުނެވޭނެއެވެ. އެއީ ފީފާ ރޭންކިންގައި އެ ޓީމު އޮތީ 66 ވަނައިގައެވެ. ނަމަވެސް ގުރޫޕު ސްޓޭޖު ކަޑައްތު ކުރަން އަލްބޭނިއާ ކުރަން އޮތް ދަތުރަކީ ބަނަ ދަތުރަކަށް ވާނެއެވެ.