ބާސެލޯނާގެ ހެޑް ކޯޗުގެ މަގާމުން ޒަވީ ހެނާންޑެޒް ދުރުކޮށް އެ މަގާމަށް ގެންނާނެ ކަމަށް ރިޕޯޓިތައް ބުނަމުން އައި ކޯޗު ހެންސި ފްލިކް އާއި ބާސެލޯނާ އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހެންސި ފްލިކް ބާސެލޯނާއަށް ސޮއި ކޮށްފައިވާކަން ބާސެލޯނާ އިން ވަނީ މިއަދު ރަސްމީކޮށް އިއުލާނުކޮށްފައެވެ.

2020 ވަނަ އަހަރު ބަޔާން މިޔުނިކަށް ބުންޑަސް ލީގާ އާއި ޑީއެފްބީ ޕޮކަލް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ކޯޗު ބާސެލޯނާ އާއި އެކު ހަދާފައިވަނީ ދެއަހަރު ދުވަހުގެ އެއްބަސްވުމެކެވެ. މިއާއި އެކު 2026 ވަނަ އަހަރުގެ ޖޫން އާއި ހަމައަށް އެ ކޮންޓްރެކްޓް ދެމި އޮންނާނެއެވެ.

ބާސެލޯނާގެ އައު ހެޑް ކޯޗު ހެންސި ފްލިކް - ފޮޓޯ: ގެޓީ އިމޭޖަސް

ފްލިކް އަދި ބާސެލޯނާ އާއި ދެމެދު ވި އެއްބަސްވުން އިއުލާނު ކުރަމުން ބާސެލޯނާއިން ބުނެފައިވަނީ 30 ޖޫން 2026 ގެ ނިޔަލަށް ޖަރުމަނުގެ ކޯޗު ހެންސި ފްލިކާއި އެ ކުލަބާއި ދެމެދު މިއަދު އެއްބަސް ވުމުގައި ސޮއި ކުރި ކަމަށެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ބާސެލޯނާގެ ރައީސް އަދި އެންމެ އިސްވެރިންގެ ހާޒިރުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބެލެވޭ ގޮތުގައި ހެންސި ފްލިކް އަދި ބާސެލޯނާގެ ޑިރެކްޓަރ ޑެކޯ އާއި ދެމެދު ވަރަށް އަވަހަށް ބައްދަލު ކުރެވި ޓީމުގެ ކުރިމަގާއި މެދު ދެކޭ ގޮތްތަށް ހިއްސާ ކުރާނެއެވެ. އަދި ފްލިކްގެ ވައްޓަފާޅި އާއި ބޭނުންވާ ކުޅުންތެރިން ދެނެގަތުމުގެ މަސައްކަތް ޑެކޯ ކުރާނެއެވެ.