ޗެލްސީގެ އާ ކޯޗަކަށް އެންޒޯ މަރެސްކާ ހަމަ ޖައްސައިފިއެވެ.

ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ލެސްޓަރ ސިޓީގެ ކޯޗުކަމުގެ މަގާމުން އެންޒޯ މަރެއްސްކާ ވަކިވެ އަންނަ މަހުގެ އެއް ވަނަ ދުވަހު އެންޒޯ މަރެސްކާ ޗެލްސީ އާއި ހަވާލުވާނެއެވެ.

މަރެސްކާ ޗެލްސީ އާއި ހަވާލުވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗުކަމުން ޕޮޗެޓީނިއޯ ވަކިވުމުން އެ ޓީމުން އާ ކޯޗެއް ގެނައުމަށް ކުރި މަސައްކަތުގައި ވަރަށް ގިނަ ކޯޗުންނާއި ވަނީ ވާހަކަ ދައްކާފައެވެ. ޗެލްސީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިވެފައިވަނީ ދެފަރާތުން ވާހަކަ ދެއްކުމަށް ފަހުގައެވެ. އަހަރެއްހާ ދުވަހު ޗެލްސީގެ ކޯޗުކަމުގައި ހުރުމަށްފަހު ޕޮޗެޓީނޯ ޗެލްސީ ދޫކޮށްލާފައިވާއިރު، ޗެލްސީ މިފަހަރުގެ ސީޒަން ނިންމާލީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޭބަލްގެ 6 ވަނައިގައެވެ.

ލެސްޓަރ ސިޓީގެ ކޯޗުކަމުގައި ހުރި އެންޒޯ މަރެސްކާ ވަނީ ޗެލްސީ އަށް އައުުމުގެ ޝައުގުވެރިކަން މީގެ ކުރިންވެސް ފާޅުކޮށްފައެވެ. އިޓަލީއަށް އުފަން 44 އަހަރުގެ މަރެސްކާ ލެސްޓަރ ސިޓީ އާއި ގުޅިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ މަރެސްކާ ވަނީ ލެސްޓަރ ސިޓީ އާއި ހަވާލުވެ އެ ޓީމު އަލުން އިނގިރޭސި ޕްރިމިއަރ ލީގަށް ކޮލިފައިކޮށްދީފައެވެ.

އެންޒޯ މަރެސްކާ

ލެސްޓަރ ސިޓީގެ ކޯޗުކަމުން ވަކިވެ އަންނަ މަހުގެ އެއް ވަނަ ދުވަހު ޗެލްސީގެ އާ ކޯޗުކަމާއި ހަވާލުވާ މަރެސްކާ ކޯޗިން ކެރިއާ ފަށާފައިވަނީ ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް އެއްގެ ގޮތުގައި މެންޗެސްޓަރ ސިޓީންނެވެ. މެންޗެސްޓަރ ސިޓީގެ ޔޫތް ޓީމަށް ވެސް ކޯޗުކަން ކޮށްދީފައިވާއިރު، މަރެސްކާ އެންމެ ފުރަތަމަ ހެޑް ކޯޗެއްގެ ގޮތުގައި ބޮޑު ކުލަބަކަށް ކޯޗުކަން ކޮށްދީފައިވަނީ އިޓަލީގެ ޕާމާ އަށެވެ. 2021 ވަނަ އަހަރު ޕާމާގެ ހެޑް ކޯޗުކަމާއި ހަވާލުވެ ކުޅުނު 14 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ 4 މެޗުންނެވެ.

އިޓަލީ އަށް އުފަން އުމުރުން 44 އަހަރުގެ އެންޒޯ މަރެސްކާ ލެސްޓަރ އިން ވަކިވާނެކަން މިހާރު ވަނީ އެ ޓީމުންވެސް ކަށަވަރުކޮށްދީފައެވެ. އެ ޓީމުން ނެރުނު ނޫސް ބަޔާނުގައި އެ ޓީމުގެ ހުރިހާ މެމްބަރުންގެ ފަރާތުން މަރެސްކާ އަށް ޝުކުރު އަދާކޮށްފައިވެއެވެ.