އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ (އަރްބާ) އިން މެލޭޝިއާގެ އެންމެ ބޮޑު އެއް އެކަޑަމީ ކަމަށްވާ ނިއުވިޝަން ބެޑްމިންޓަން އެކަޑަމީ އާއެކު އެމްއޯޔޫ އެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކުރެއްވީ މިކަމަށް ހާއްސަކޮށް ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އަރްބާގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރީ އެ އެކަޑަމީގެ ރައީސް އައިޝަތު އަފްނާން ރަޝީދެވެ. އަދި ނިއުވިޝަން ބެޑްމިންޓަން އެކަޑަމީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އެ އެކަޑަމީގެ ޑިރެކްޓަރު އަދި އެ އެކަޑަމީގެ ފައުންޑަރު އަދި މެލޭޝިއާ ގައުމީ ބެޑްމިންޓަން ޓީމުގެ ކޯޗުގެ އަނބިކަނބަލުން ސުގަތީ ކުނަލަންއެވެ.

އަރްބާ އާއި ނިއުވިޝަން ބެޑްމިންޓަން އެކަޑަމީ އާއި އެކު އެމްއޯޔޫ އެއްގައި ސޮއިކުރުން

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަރްބާގެ ރައީސް އަފްނާން ރަޝީދު ފާހަގަކުރެއްވި ގޮތުގައި މި އީ އަރްބާގެ ކުރިމަގަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި އަރްބާގެ ދަރިވަރުން ކުރިއަރާ މޮޅެތި ކުދިންނަށްވެ ބޮޑެތި ކާމިޔާބީތަކެއް ދަރިވަރުން ހޯދުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމުގައި އަފްނާން ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ. މި އެމްއޯޔޫގެ ދަށުން އަރްބާގެ ކޯޗިން ސްޓޭންޑަޑް ވެސް އިތުރު ހަރުފަތަކަށް ގެންދެވި، ދަރިވަރުންނަށް ބޭނުންވާ އިތުރު ތަމްރީނުގެ ފުރުސަތު ފަސޭހަ ކަމާއެކު ފަހިވެގެން ދާނެކަމަށް އަރްބާގެ ރައީސް އަފްނާން ވަނީ އިތުރަށް ފާހަގަ ކުރައްވައިފައެވެ. އަފްނާންގެ ވާހަކަ ނިންމާލައްވަމުން މި ކަމުގައި އަފްނާން އަށް އެންމެ އެހީތެރިވެދެއްވާ އަފްނާންގެ ފިރިކަލުންނަށް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިއު ވިޝަން އެކަޑަމީގެ ޑިރެކްޓަރު ސުގަތީ ކުނަލަން ފާހަގަ ކުރެއްވިގޮތުގައި ނިއު ވިޝަން ބެޑްމިންޓަން އެކަޑަމީ އިން މެލޭޝިއާގެ ވަރަށް ގިނަ ކުުޅުންތެރިންނާއި ބައިނަލް އަގުވާމީ މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިން ނިއުވިޝަން ބެޑްމިންޓަން އެކަޑަމީ އިން ވަނީ ތަމްރީނު ކުރެވިފައެވެ. އަދި އެކި ފެންވަރުގެ ކުޅުންތެރިން އެ އެކަޑަމީ އިން ތަމްރީނުކޮށްފައިވާކަން ފާހަގަ ކުރައްވަމުން ސުގަތީ ފާހަގަ ކުރެއްވި ގޮތުގައި އެ އެކަޑަމީ އިން ތަމްރީނުވީ ބައެއް ކުޅުންތެރިން ވަނީ އޮލިމްޕިކްސް ގައިވެސް ވާދަކޮށްފައެވެ.

އަރްބާ އާއި ނިއުވިޝަން ބެޑްމިންޓަން އެކަޑަމީ އާއި އެކު އެމްއޯޔޫ އެއްގައި ސޮއިކުރުން

ނިއުވިޝަން ބެޑްމިންޓަން އެކަޑަމީގެ ޑިރެކްޓަރު ސުގަތީ ވިދާޅުވި ގޮތުގައި ނިއުވިޝަން އެކަޑަމީ އިން މެލޭޝިއާގެ އިތުރުން ޑުބާއީ އަދި ޗައިނާ ގައިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދަނީ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ. އަދި މި ގައުމުތަކުގައި އަރްބާގެ ކުޅުންތެރިންނަށްވެސް ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި އެމްއޯޔޫގެ ސަބަބުން ލިބިގެން ދާނެއެވެ.

މި އެމްއޯޔޫގައި ސޮއިކުރެވުނީތީ އުފާކުރައްވާކަމުގައި ފާހަގަކުރައްވަމުން ސުގަތީ ފާހަގަ ކުރެއްވި ގޮތުގައި މިއީ ރާއްޖެއައް ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަންހެނަކު ހިންގަވާ އަދި އަންހެން ކުދިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާ އެކަޑަމީ އަކާއިއެކު ސޮއިކުރެވުނީތީ ވަކިން އުފާވާ ކަމުގައި ސުގަތީ ވަނީ ފާހަގަ ކުރައްވައިފައެވެ.

މި އެމްއޯޔޫގެ ދަށުން އަރްބާގެ ދަރިވަރުންނަށް އެޑްވާންސް ޓްރެއިނިން އަދި އަރްބާ އާއި މަޝްވަރާކޮށްގެން އަރްބާގެ ދަރިވަރުންނާއި ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމްތައް މެލޭޝިއާގައި ކުރިއަށް ގެންދެވޭނެކަމަށް ސުގަތީ ވަނީ ފާހަގަކުރައްވާފައެވެ. ޓެކްޓިކަލް އަދި ޓެކްނިކަލް ސަޕޯޓްވެސް ނިއުވިޝަން އެކަޑަމީގެ ފަރާތުން ލިބިގެންދާނެކަން ސުގަތީގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އޮންލައިން ސަޕޯޓްވެސް ލިބިގެން ދާނެކަން ފާހަގަ ކުރެއްވިއެވެ. މީގެ ތެރޭގައި އޮންލައިން ކޯޗިންގެ އިތުރުން މުބާރާތް ތަކުގައި ވާދަކުރާ ކުދިންނަން އޮންލައިން ސަޕޯޓް ދެއްވާނެކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ސުގަތީ ފާހަގަކުރެއްވި ގޮތުގައި މެލޭޝިއާގެ އިތުރުން ރާއްޖޭގައިވެސް ދަރިވަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެ.

މި ރަސްމިއްޔާތުގައި ނިއުވިޝަން އެކަޑަމީގެ ފައުންޑަރު އަދި މެލޭޝިއާގެ ގައުމީ ޓީމުގެ ކޯޗު ޔޮގެންދްރަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޔުގެންދްރަން ފާހަގަ ކުރެއްވި ގޮތުގައި މި އެމްއޯޔޫގެ ސަބަބުން އެކަޑަމީ އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް ގަބޫލުކުރައްވައެވެ. އަދި އަރްބާގެ ކުޅުންތެރިން މިހާރަށްވުރެ ސްޓޭންޑަޑް މަތިކުރެއްވުމަށް ނިއުވިޝަން ބެޑްމިންޓަން އެކަޑަމީ އިން އެހީތެރިކަން ފޯރުކޮށްދޭނެކަން ފާހަގަކުރައްވާފައިވާއިރު، ކޯޗުން ތަމްރީނުކުރުމާއި މުބާރާތްތައް ބޭއްވުމުގައިވެސް ނިއުވިޝަން ބެޑްމިންޓަން އެކަޑަމީގެ އެހީތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ޔުގެންދްރަންވަނީ ދެއްވާފައެވެ.