މިރޭ ޖަރުމަނުގައި ފެށުމަށް ހަމަ ޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ޖަރުމަނު އަދި ސްކޮޓްލޭންޑް މެޗަކީ ހުރިހާ ގޮތަކުންވެސް ފާހަގަ ކޮށްލެވޭނެ މެޗެކެވެ. މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޖަރުމަނުގައި ކުޅޭއިރު އެ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީ މި މެޗުން ރަނގަޅު ކުޅުމެއް ދައްކާ މެޗުން މޮޅު ވުމަކީ ޖަރުމަނު ޓީމުގެ އެންމެ ބޮޑު އެއް އުންމީދެވެ.

ޖަރުމަނު ޓީމު

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމު މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު، ތިން ފަހަރު މަތިން ޖަރުމަނު ވަނީ މޮޅު ވެފައެވެ. އަދި އެއްފަހަރު މި ދެ ޓީމު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެއްވަރު ވެފައިވާއިރު ސްކޮޓްލޭންޑް އަށް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަތަރު ފަހަރެއްގެ މަތިން މި ދެ ޓީމު ވާދަކޮށް ތިން ފަހަރު މަތިން ޖަރުމަނު މޮޅުވެފައިވުމުން ސްކޮޓްލޭންޑް އިން މިރޭގެ މެޗުގައި ނިކުންނާނީ އެކަމަށް ނިމުމެއް ގެނައުމަށެވެ. ތިން ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދާފައިވާ ޖަރުމަނު ޓީމާއި ދެކޮޅަށް ސްކޮޑްލޭންޑްގެ ޓީމުން ނިކުންނައިރު ޖަރުމަނުގެ އަމިއްލަ ދަނޑުގައި އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅެން ޖެހުމަކީ ސްކޮޓްލޭންޑަށް މިރޭގެ މެޗުގައި އެންމެ އުނދަގޫވާނެ އެއް ކަންތަކެވެ.

ސްކޮޓްލޭންޑް ޓީމު

ލަފާކުރެވޭ ލައިންއަޕް:

ޖަރުމަނު: ނޯޔާ، ކިމިޗް، ރޫޑިގަރ، ޓާހް، މިޓެލްސްޓަޑް؛ އެންޑްރިޗް، ކްރޫސް؛ މުސިއާލާ، ގުންޑޮގަން، ވިރްޓްޒް؛ ހާވަރޓްޒް

ސްކޮޓްލޭންޑް: ގަން؛ ރާލްސްޓަން، ޕޯޓިއަސް، ހެންޑްރީ، ޓިއާނީ، ރޮބަޓްސަން؛ މެކްޓޮމިނޭ، ގިލްމޯ، މެކްގްރެގަރ، މެކްގިން؛ އެޑަމްސް

ދެ ކޯޗުންގެ ބަސް

ޖޫލިއަން ނަގެލްސްމަން، ޖަރުމަނު ކޯޗު "މީ ޖަރުމަނުގެ އަމިއްލަ ދަނޑުގައި ޔޫރޯ ފުޓްބޯޅަ މުބާރާތެއް ބާއްވާ ދެވަނަ ފަހަރު، ކުޅުންތެރިންނަށް އަދި ކޯޗުގެ ހައިސިއްޔަތުން އަހަރެންނަށްވެސް އަމިއްލަ ގައުމުގައި މުބާރާތެއްގައި ވާދަކޮށްލުމަކީ މުޅިން ތަފާތު ފުރުސަތެއް، ޕްރެޝަރު އެބަ އޮތް، އެކަމަކު އެއަވުރެ އުފާވެރިކަން ބޮޑު، ދަނޑު މަތިން އެ އުފާވެރިކަން ދެއްކިއްޖެ ނަމަ މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ވެގެންދާނެ."

ސްޓީވް ކްލާކް، ސްކޮޓްލޭންޑް ކޯޗު "ޖަރުމަނު ނީމަކީ މޮޅު ޓީމެއް، މި ފަހަރުގެ މުބާރާތް ބޭއްވިގެން މި ދަނީ އެމީހުންގެ އަމިއްލަ ދަނޑުގަ، އެހެންކަމުން އެމީހުން ބޭނުމެއް ނުވާނެ އެއްވެސް ބައެއް އަތުން ބަލިވާކަށް، ބޮޑެތި މުބާރާތް ތަކުގައި ޖަރުމަނު ޓީމަކީ އަބަދުވެސް ތަފާތު މޮޅު ކުޅުމަކާއި އެކު ނުރައްކާ ޓީމެއް، މި މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށް، އެކަމު އަހަރެމެން އުންމީދުކުރަނީ މި މެޗަކީ ޖަރުމަނަށްވެސް އުންދަގޫ މެޗަކަށް ވާނެކަމަށް."

މިރޭގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ މިއުނިކް ފުޓްބޯލް އެރީނާ ގައެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިިން މިރޭ 12:00 ގައެވެ.