ހަންގޭރީ ފުޓްބޯޅަ ޓީމު

މިހާރު ކުރިއަަށްދާ ޔުއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ހަންގޭރީ އަދި ސްވިޒަލޭންޑު ބައްދަލު ކުރާ މެޗު މިރޭ 18:00 ގައި ކުޅެވޭ އިރު ދެ ޓީމުގެ ފަރާތުން ވެސް ވަނީ މުބާރާތަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައެވެ.

ހަންގޭރީ އަދި ސްވިޒަލޭންޑު އެންމެ ފަހުން ވަރުގަދަ ބޮޑު މުބާރާތެއްގައި ވާދަކޮށްފައިވަނީ މީގެ 86 އަހަރު ކުރިންނެވެ. 1938 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މި ދެ ޓީމު ވާދަކުރި މެޗު ހަންގޭރީން ކާމިޔާބު ކުރީ 2-0 އިންނެވެ. ނަމަވެސް މ ފަހުން މި ދެ ޓީމުގެ ދެމެދުގައި ކުޅެވުނު އެކުވެރި ކަމުގެ ނުވަ މެޗުން ހަ މެޗުކާމިޔާބުކޮށްފައިވަނީ ސްވިޒަލޭންޑް ޓީމުންނެވެ.

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޔޫރޯ މުބާރާތުން ޖާގަ ހޯދި ހަންގޭރީ ޓީމުންވެސް އަންނަނީ ޔޫރަޕުގެ ގަދަ ބާރަކަށް ވަމުންނެވެ. މި ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ސްވިޒަލޭންޑް ޓީމުގެ ކުޅުންތެރިން - ފޮޓޯ: އޭއެފްޕީ

މި ދެ ޓީމުންވެސް މިހާރު މި މެޗަށް ފުރިހަމަ އަށް ތައްޔާރުވެފައި ވާއިރު ދެ ޓީމުގެ ފަރާތުން ފެންނާނެ ކަމަށް ބެލެވޭ ބައެއް ކުޅުންތެރިންނަށް ބަލާލާނަމެވެ.

ހަންގޭރީ: ގުލާސީ، ލަންގް، އޯބަން، ޒަލާއި، ބޯއްލާ، އާދަމް ނާގީ، ޗެފާ، ކާކެޒް، ސަލާއި، ސޮބޮޒްލާއީ އަދި ވާގާ

ސްވިޒަލޭންޑް: ސޮމާ، އެލްވެޑި، އަކަންޖީ، ރޮޑްރިގޭޒް، ވިޑްމާރ، ފްރުއެލާ، ޒަކާ، އެނޑޯޔޭ، ޝަކީރީ، އަމްޑޫނީ އަދި ވާގާސް

 

ހަންގޭރީގެ ޓީމަށް ބަލާއިރު އެ ޓީމުން މުބާރާތް ފަށާނީ ކޮލިފައިންގެ ބުރުގައި އެއްވެސް މެޗަކުން ބަލިނުވެ، ރަނގަޅު ފޯމެއްގައި އޮވެއެވެ. ވަރުގަދަ ޑިފެންސް ލައިނެއް އޮންނަ ހަންގޭރީ ޓީމުން މި ފަހަރުގެ މުބާރާތަށް ނިކުންނައިރު އެ ޓީމުގެ ފަހަތެކޭ އެއްވަރަށް ކުރި ވެސް ވަރުގަދަ ވާނެއެވެ. އެހެން ކަމުން މިރޭގެ މެޗުގައި ހަންގޭރީ ޓީމަށް ސްވިޒަލޭންޑުގެ ޓީމަށް ރަނގަޅު 'ފައިޓެއް' ދެވިދާނެއެވެ.

ސްވިޒަލޭންޑަށް ބަލާއިރު މިދިޔަ ޔޫރޯ މުބާރާތުގައި އެ ޓީމުން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެހެންކަމުން މިފަހަރުގެ މުބާރާތަށް ނިކުންނައިރު އެ ޓީމުން ނިކުންނާނީ އެއަށް ވުރެ ބޮޑު ކާމިޔާބީ އެއް ހޯދުމުގެ ނިޔަތުގައެވެ. ވަރުގަދަ ސްކޮޑަކާއި އެކު މުބާރާތަށް ނިކުންނަ ސްވިޒަލޭންޑުގެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިޔުމަށް، ކުޅެވޭ ފުރަތަމަ މެޗުން މޮޅެއް ހޯދަން މަސައްކަތް ކުރާނެއެވެ.

ސްވިޒަލޭންޑު އަދި ހަންގޭރީ ބައްދަލު ކުރާ މެޗު އޮންނާނީ މިއަދު އިރުއޮއްސި 18:00 ގައެވެ.މި މެޗު ކުޅޭނީ ޖަރުމަނުގެ ކޮލޯން ސްޓޭޑިއަމުގައެވެ.