ޔޫރޯ 2024 ގެ ގުރޫޕު ބީ ގެ ގުރަތަމަ މެޗުގައި މިރޭ ކްރޮއޭޝިއާ އާއި ސްޕެއިން ބައްދަލު ކުރާ މެޗު ވެގެންދާނީ މި ފަހަރުގެ ގުރޫޕު ސްޓޭޖުގައި ކުޅެވޭ އެންމެ ވަރުގަދަ އަދި ފޯރިގަދަ އެއް މެޗަށެވެ. މި މެޗަށް މިހާރު ޔޫރަޕުގެ ގަދަ ދެ ބާރުން ކަމަށްވާ ދެ ޓީމުވެސް އޮތީ ފުރިހަމަ އަށް ތައްޔާރަށެވެ.

އެންމެ ފަހުގެ ނޭޝަންސް ލީގުގެ ފައިނަލުގައި ބައްދަލު ކުރި ދެ ޓީމު މިފަހަރުގެ މުބާރާތުގެ ގުރޫޕުގެ ފުރަތަމަ މެޗަށް ނިކުންނައިރު އެފަހަރު ޕެނަލްޓީ ޖަހައިގެން ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވަނީ ސްޕެއިން ޓީމުންނެވެ. މީގެ އިތުރުން ސްޕެއިން އިން ވަނީ މި މުބާރާތަށް ތައްޔާރުވުމަށް އަންޑޯރާ އަދި ނޮދާން އަޔާލޭންޑާއި ދެ ކޮޅަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައެވެ. އެހެން ކަމުން މި މެޗަށް ނިކުންނައިރު ސްޕެއިން ޓީމު އޮންނާނީ ރަނގަޅު ފޯމެއްގައެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އެންމެ ވަރުގަދަ އެއް މެދުތެރެއާއި އެކު މުބާރާތަށް ނިކުތް ކްރޮއޭޝިޔާގެ ފަހަތާއި އެޓޭކްވެސް މިފަހަރު ވަރުގަދަ ވާނެއެވެ.

ސްޕއިންގެ ގައިމީ ޓީމު

މި ދެ ޓީމު މީގެ ކުރިން ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އެފަހަރުގެ މެޗުވެސް ކާމިޔާބު ކުރީ ސްޕެއިން ޓީމުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް މި މެޗަށް ނެރޭނެ ކަމަށް އެންމެ ބެލެވޭ ފުރަތަމަ 11 އަށް ނަޒަރެއް ހިންގާލާނަމެވެ.

ސްޕެއިން: ސައިމޮން، ކާވަހާލް، ނޯމަންޑް، ނާޗޯ، ގްރިމާލްޑޯ، މެރީނޯ، ރޮޑްރީ، ޕެޑްރީ، ޔަމާލް، މޮރާޓާ އަދި ވިލިއަމްސް.

ކްރޮއޭޝިއާ: ލިވަކޮވިޗް، ސްޓެނިސިޗް، ސުޓާލޯ، ޕޮންގްރަސިޗް، ގާޑިއޯލް، މޮޑްރިޗް، ބްރޮޒޮވިޗް، ކޮވަސިޗް، މަޔާ، ބުޑިމީރް އަދި ކްރަމަރިޗް.

ކްރޮއޭޝިއާ

އެންމެ ފަހުން ކުޅުނު ފަސް މެޗުން ކްރޮއޭޝިއާ ޓީމު ބަލިވެފައި ނުވާއިރު އެ ޓީމު ވެސް އޮތީ ވަރަށް ވަރުގަދަ ފޯމެއްގައެވެ.

ސްޕެއިންގެ ޓީމަކީ ވަރުގަދަ ޓީމަކަށް ވާއިރު މިފަހަރުގެ ސްކޮޑުގައި ތަޖުރިބާއިން ފުރިގެންވާ ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން ޓީމުގައި އެބަތިއްބެވެ. ކްރޮއޭޝިޔާގެ ޓީމުގައިވެސް ތަޖުރިބާކާރު އެތައް ކުޅުންތެރިންނެއް ތިބި އިރު ޔޫރަޕުގެ ގަދަ މި ދެ ބާރު ކުޅޭ މެޗު ވެގެންދާނީ ހަމަގައިމުވެސް ރާއްޖޭގެ ގިނަ ބަޔަކު ބަލާނެ މެޗަކަށެވެ.

ސްޕއިން އަދި ކްރޮއޭޝިއާ ބައްދަލު ކުރާ މެޗު ކުޅޭނީ މިރޭ 21:00 ގައި ޖަރުމަނުގެ ބާލިންގެ، އޮލިމިޕިއަސްޓާދިއޯން ސްޓޭދިއަމުގައެވެ.