މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ވަރުގަދަ ގުރޫޕުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާނެ އެއް ގުރޫޕަކީ ގުރޫޕް ބީއެވެ. މަރުގެ ގުރޫޕުގެ ގޮތުގައި މި ގުރޫޕު ފާހަގަ ކުރާއިރު ގުރޫޕުގައި ޔޫރަޕްގެ ވަރުގަދަ ތިން ބާރު ހިމެނެއެވެ. ސްޕެއިން އަދި ކްރޮއޭޝިއާގެ އިތުރުން ދެން މި ހިމެނެނީ އަލްބޭނިއާއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ގުރޫޕް ބީގެ ދެވަނަ މެޗުގައި އިޓަލީ އާއި އަލްބޭނިއާ ވާދަކުރާއިރު ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި މި މެޗު ފަސޭހަކަމާއެކު އިޓަލީ އަށް ކާމިޔާބު ކުރެވުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. މި ދެޓީމު މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު މި ހަތަރު ފަހަރު ވެސް ކާމިޔާބު ކުރީ އިޓަލީންނެވެ.

އިޓަލީ ގައުމީ ޓީމު

އަލްބޭނިއާ އަދި އިޓަލީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މިރޭގެ މެޗަކީ އިޓަލީ އަށް ފަސޭހަ މެޗަކަށް ނުވާނެއެވެ. އިޓަލީ އަކީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށްވީ ނަމަވެސް އެ ތައްޓަށްފަހު އިޓަލީ ޓީމުން ނެރެމުންދިޔަ ދަށް ނަތީޖާތަކުން ގިނަ ބައެއްގެ ފާޑު ކިއުން އިޓަލީ އަށް ވަނީ އަމާޒު ވެފައެވެ.

އިޓަލީ ޓީމުން އެ ޓީމުގެ 11 ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނައިރު އެ ޓީމުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި ވަނީ މިފަހަރުގެ ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ތަށި ދިފާއުކުރުމެއެވެ. ނަމަވެސް މިއީ އިޓަލީ އަށް ކުރަން އުނަދަގޫ ކަމެކެވެ. ޔޫރަޕްގެ ބޮޑު ދެ ބާރާއި އެކު އެއް ގުރޫޕެއްގައި ހިމެނިފައި އޮތުމުން އެ ޓީމުން މުބާރާތް ފަށަންވެސް މި ޖެހެނީ ފައިނަލުންނެވެ.

އަލްބޭނިއާ ފުޓްބޯޅަ ޓީމު

އަލްބޭނިއާ ޓީމަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މާބޮޑު ކާމިޔާބެއް ލިބިފައި ނުވިނަމަވެސް މި ފަހުން އެ ޓީމުން ނެރެމުންދާ ނަތީޖާތަކުން ގިނަ ބައެއްގެ ލޮލުގައި އެ ޓީމު ވަނީ އަޅައިގަނެފައެވެ. އެ ޓީމުގެ ޑިފެންސް ލައިން އަކީ މުޅި ޔޫރަޕްގައިވެސް ފާހަގަ ކޮށްލެވޭ ވަރުގެ ޑިފެންސް ލައިންއެކެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ނެރޭނެކަމަށް ބެލެވޭ ފުރަތަމަ 11

އިޓަލީ: ޑޮނަރޫމާ؛ ޑި ލޮރެންޒޯ، ބަސްޓޯނީ، ކަލަފިއޯރީ، ޑިމާކޯ؛ ބަރެލާ، ޖޯޖިނިއޯ؛ ޗިއެސާ، ފްރެޓެސީ، ޕެލެގްރީނީ، ސްކަމަކާ

އަލްބޭނިއާ: ބެރީޝާ؛ ހައިސާޖް، ޖިމްސިޓީ، އަޖެޓީ، މިތާޖް؛ އަސްލާނީ، ރަމަޟާން، ބަޖްރާމީ؛ ސެފެރީ، އަސާނީ، ބްރޯޖާ

ޖަރުމަނުގެ ޑޯޓްމަންޑް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00 ގައެވެ.