ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ހަންގޭރީ 3-1 އިން ބަލިކޮށް ސްވިޒަލެންޑަކީ އާދައިގެ ޓީމެއް ނޫން ކަން މިރޭ ދައްކާލައިފިއެވެ.

މި މުބާރާތުގެ ގުރޫޕް އޭގައި ހަންގޭރީ އަދި ސްވިޒަލޭންޑް ވާދަކުރި މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލޭންޑް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި މިޝޭލް އެބިޝާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ސްވިޒަލޭންޑަށް ކާމިޔާބުކޮށް ދިނީ ކުވާޑްވޯ ދުއާއެވެ.

ޔޫރޯ 2024- ހަންގޭރީ އަދި ސްވިޒަލޭންޑް ވާދަކުރި މެޗުގެ ތެރެއިން

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލޭންޑް އިން ގޯލެއް ކާމިޔާބު ކުރި ފަހުންވެސް ދެ ޓީމަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ހަންގޭރީ އަށް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށްވެފައި ވަނިކޮށް ސްވިޒަލޭންޑް އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. ރެމޯ ފުރޮއިލާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ސްވިޒަލޭންޑް އަށް ކާމިޔާބުކޮށްދިނީ މިޝޭލް އެބިޝާއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފު ފަށައިގެން ހަންގޭރީ އިން ކުޅުން އިތުރަށް ރަނގަޅުކޮށް ސްވިޒަލޭންޑްގެ ގޯލަށް ނުރައްކާކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ހަންގޭރީ އިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ޑޮމިނިކް ޝޮބޮސްޒްލާއީ ސްވިޒަލޭންޑްގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ފޮނުވާލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ހަންގޭރީ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބާނާބާސް ވަރްގާއެވެ.

ޔޫރޯ 2024- ހަންގޭރީ އަދި ސްވިޒަލޭންޑް ވާދަކުރި މެޗުގެ ތެރެއިން

ހަންގޭރީ އިން އެ ޓީމުގެ ގޯލަށް ފަހުވެސް މެޗުގެ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާ ސްވިޒަލޭންޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. މީގެ އިތުރުން ސްވިޒަލޭންޑުންވެސް އެ ޓީމަށް ލިބޭ މަދު ފުރުސަތުތަކުގައި ހަންގޭރީ ޓީމުގެ ގޯލަށް ނުރައްކާ ކުރިއެވެ. މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ 5 މިނެޓުގައި ސްވިޒަލޭންޑް ޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ފަރަގު ބޮޑު ކޮށްފައެވެ. މި ގޯލު ސްވިޒަލޭންޑް ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރީލް އެމްބޯލޯއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ދެ މެޗެއް ކުޅޭނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކްރޮއޭޝިއާ އާއި ސްޕެއިންއެވެ. މި މެޗު ފަށާނީ ރާއްޖޭ ގަޑިން 9:00 ގައެވެ. އަދި މިރޭގެ ދެވަަނަ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިައަން އިޓަލީ އާއި އަލްބޭނިއާއެވެ. މި މެޗު ފަށާނީ މިރޭ ދަންވަރު 12:00 ގައެވެ.