ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މިއަދު ނެދަލެންޑްސް އަދި ޕޮލެންޑް ވާދަކުރާ މެޗަކީ މި ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހަނަ އަޅާ ދިއުމަށް މި މެޗު ކާމިޔާބު ކުރުމަކީ މި ދެ ޓީމަށް ވެސް މުހިންމު ކަމެކެވެ.

ނެދަލެންޑްސް އަދި ޕޮލެންޑް މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާއިރު އެންމެ ފަހުން މި ދެ ޓީމު ވާދަކޮށްފައިވާ 12 މެޗުވެސް ކާމިޔާބުކޮށްފައިވަނީ ނެދަލެންޑްސް އިންނެވެ. ޕޮލެންޑް އަށް މިހާތަނަށް ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދިފައިވަނީ 1980 ވަނަ އަހަރު އެ ގައުމުގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެފަހަރު ޕޮލެންޑް އިން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދާފައިވަނީ 0-2 ގެ ނަތީޖާ އަކުންނެވެ.

ޕޮލަންޑް ކެޕްޓަން ލެވަންޑޯސްކީ

ޕޮލެންޑް އިން އެ ޓީމުގެ ފަސްވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނައިރު އެ ޓީމަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓެޖަށްވުރެ ކުރިއަށް ދެވިފައިވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. ދެން ކުޅުނު ހުރިހާ މުބާރާތެއްގައިވެސް ޕޮލެންޑް އަށް މުބާރާތް ނިންމާލަން ޖެހެނީ މުބާރާތުގެ ގުރޫޕް ސްޓޭޖުންނެވެ. އެހެން ކަމުން މިފަހަރު މުބާރާތަށް ޕޮލެއްންޑް މި ނިކުންނަނީ ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމުގެ ވަރުގަދަ އަޒުމުގައެވެ.

ނެދަލޭންޑްސް މީގެ ކުރިން 10 ފަހަރު ޔޫރޯގައި ވާދަ ކޮށްފައިވާ އިރު އެ ޓީމުން ވަނީ 1988 އަހަރު މިހާރުގެ ކޯޗު ކޯމަން، ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މީގެ ފަހުން ނެދަލެންޑްސް އަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތައްޓެއް ލިބިފައިނުވާއިރު މިފަހަރު އެ ޓީމުން މި ނިކުންނަނީ މުބާރާތުގެ ތަށި ހޯދުމަށެވެ.

ނެދަލެންޑްސް ފުޓްބޯޅަ ޓީމު

ލަފާ ކުރެވޭގޮތުން މިއަދުގެ މެޗުގައި ދެ ޓީމުގެ ފުރަތަމަ 11 ގައި ކުޅޭ ކުޅުންތެރިން

ޕޮލެންޑް: ޝެޒްސްނީ؛ ބެޑްނަރެކް، ޑަވިޑޯވިޗް، ކިވިއޯރ؛ ފްރެންކޯވްސްކީ، ސްލިސް، ޕިއޮޓްރޯސްކީ، މޮޑަރ، ޒަލެވްސްކީ؛ ޒިއެލިންސްކީ؛ ބުކްސާ

ނެދަލެންޑްސް: ވަރބްރޫގޭން؛ ޑަމްފްރީސް، ޑި ވްރިޖް، ވެން ޑައިކް، އަކޭ؛ ރެއިޖްންޑަރސް، ޝޯޓެން، ވީރމަން، ސިމަންސް، ޑެޕައި، ގަކްޕޯ

މިއަދުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ ހެމްބާގުގެ ފޯކްސްޕާކްސްޓޭޑިއަން ގައެވެ. މެޗު ފެށުމަށް ހަމަ ޖެހިފައިވަނީ ރާއްޖެ ގަޑިން 18:00 ގައެވެ.