ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި ނެދަލެންޑްސް އަދި ޕޮލެންޑް ވާދަކުރި މެޗު 1-2 ގެ ނަތީޖާ އަކުން ނެދަލެންޑްސް ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޕޮލެންޑުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި ޕޮލެންޑަށް ލިބުނު ކޯނަރުން އެ ޓީމުގެ ޕިއޮޓް ޒިއެލިންސްކީ ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ޕޮލެންޑަށް ކާމިޔާބުކޮށްދީފައިވަނީ އެޑަމް ބުކްސާ އެވެ.

ޔޫރޯ 2024- ނެދަލެންޑްސް އަދި ޕޮލެންޑް ވާދަކުރި މެޗުގެ ތެރެއިން

ޕޮލެންޑުން ގޯލެއް ޖަހާ މެޗުގެ ލީޑު ނެގުމާއި އެކު ނެދަލެންޑްސް އިން ކުޅުން ރަނގަޅުކޮށް ފުލު ފުލުގައި ޕޮލެންޑްގެ ގޯލަށް ނުރައްކާ ކުރިއެވެ. ނަތިޖާ އެއްގެ ގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ކޮޑީ ގެކްޕޯ ޕޮލެންޑްގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ޕޮލެންޑްގެ ކުޅުންތެރިއެއްގެ ފައިގައިޖެހިފައިގޮސް ގޯލު ތެރެއަށް ވަދެގެން ނެދަލެންޑްސްއިން ވަނީ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްނކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ނެދަލެންޑްސް ޓީމުންނެވެ. އެހެން ނަމަވެސް ލިބޭ ފުރުސަތު ތަކުގައި ޕޮލެންޑުން ވެސް ނެދަލެންޑްސްގެ ގޯލަށް ވަނީ ނުރައްކާކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗުގެ ދެވަނަ ހާފުފަށައިގެންވެސް ނެދަލެންޑްސް އިން ދިޔައީ ޕޮލަންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަވަގުތުކޮޅަކަށްވެފައި ވަނިކޮށް ނެދަލެންޑްސް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު ނެދަލެންޑްސް އަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެއް ނިކުތް ވޮއުޓް ވެއިހޮސްޓްއެވެ.

ޔޫރޯ 2024- ނެދަލެންޑްސް އަދި ޕޮލެންޑް ވާދަކުރި މެޗުގެ ތެރެއިން

މި މެޗުގެ ދެވަނަ ހާފުގައިވެސް ޕޮލެންޑަށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވި ނަމަވެސް އެ ޓީމަށް ލިބުނު މަދު ފުރުސަތުތަކުގައި ޓީމުން ވަނީ ނެދަލެންޑްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެހެން ނަމަވެސް މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 1-2 ގެ ނަތީޖާ އަކުން ނެދަލެންޑްސް ކުރި ހޯދައިގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަދި ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 9:00 ޖަހާއިރު ވާދަކުރާނީ ޑެންމާކާއި ސްލޮވޭނިއާއެވެ. އަދި ދެވަނަ މެޗުގައި މިރޭ ދަންވަރު 12 ޖަހާއިރު އިންގްލެންޑް އާއި ސާބިއާ ވާދަކުރާނެއެވެ.