މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީ ގައި ޑެންމާކު އަދި ސްލޮވޭނިއާ ވާދަކުރި މެޗު 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޑެންމާކުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗު ލީޑު ނަގާފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޖޯނެސް ވިންޑް ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު ޑެންމާކަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަންއެވެ.

ޔޫރޯ 2024-ޑެންމާކު އަދި ސްލޮވޭނިއާ ވާދަކުރި މެޗުގެ ތެރެއިން

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަ ހަމަ ކުޅުމެކެވެ. ޑެންމާކުން ގޯލެއް ޖަހާ މެޗުގެ ލީޑު ނެގިފަހުންވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ. މިގޮތުން ސްލޮވޭނިއާގެ ބެންޖަމިން ސެސްކޯ ޑެންމާކުގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން އަށް މެޗު ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތެއް ވަނީ ލިބިފައެވެ. އެރިކްސަން ސްލޮވޭނިއާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ގޯލު ކުރިމައްޗަށް ފޮނުވާލި ހަމަލާ ދިޔައީ ސްލޮވޭނިއާގެ ކުޅުންތެރިއެއްގެ ގައިގަޖެހިފައި ބޭރަށެވެ. މި އާއި އެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން ޑެންމާކު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމަށްވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. މިގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ޑެންމާކުގެ ހޮއިލަންޑް އަށް ލިބިގެން ދިޔަ ފުރުސަތުގެ ހުރަހަކަށް ވެގެން ދިޔައީ ސްލޮވޭނިއާގެ ކީޕަރު އޮބްލެކް އެވެ. އަދި މެޗުގެ 66 ވަނަ މިނެޓުގައި ސްލޮވޭނިއާ އަށްވެސް ގޯލެއް ޖަހާ މެޗުގެ ނަތިޖާ ހަމަ ހަމަ ކޮށްލަން ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައިވާއިރު، ސްލޮވޭނިއާގެ އެޑަމް ނެޒްޑާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.

ޔޫރޯ 2024-ޑެންމާކު އަދި ސްލޮވޭނިއާ ވާދަކުރި މެޗުގެ ތެރެއިން

ފޯރިގަދަ މި މެޗުގެ 77 ވަނަ މިނެޓުގައި ސްލޮވޭނިއާ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ޑެންމާކުގެ ޕެނަލްޓީ އޭރިޔާގެ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު ސްލޮވޭނިއާއަށް ކާމިޔާބުކޮށްދީފައިވަނީ އެރިކް ޖަންޒާ އެވެ.

ސްލޮވޭނިއާ އިން ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަ ކުރި ފަހުންވެސް ދެ ޓީމަށްވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. މި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަދި އެއް މެޗު ކުރިއަށް އެބައޮތެވެ. މި މެޗުގައި ވާދަ ކުރާނީ އިންގްލެންޑް އާއި ސާބިއާއެވެ.