ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި އިންގްލެންޑް އަދި ސާބިއާ ވާދަކުރި މެޗު 0-1 ގެ ނަތީޖާ އަކުން އިންގްލެންޑް ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 13 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ގޯލެއް ކާމިޔާބުކޮޮށް މެޗުގެ ލީޑު ނަގައިފައެވެ. ބުކަޔޯ ސަކާ ސާބިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ ބޮލުން ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު އިންގްލެންޑަށް ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމްއެވެ.

އިންގްލެންޑުން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިފަހުންވެސް މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. ބެލިންހަމްގެ އިތުރުން ކައިލް ވޯކާ އަށް ވެސް އިންގްލެންޑްގެ ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.

އިންގްލެންޑުން މެޗުގެ ލީޑު ނެގި ނަމަވެސް ސާބިއާ އިން ވެސް ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބު ކުރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މިގޮތުން ސާބިއާގެ ކެޕްޓަން އެލެކްސެންޑްރާ މިޓްރޮވިޗް ވަރަށް ހުސްކޮށްލާފައި އިންގްލެންޑްގެ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާ ނުވެއެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން އިންގްލެންޑްގެ ކެޕްޓަން ހެރީކޭން އަދި ޖޫޑް ބެލިންހަމް އަށް ވެސް ވަނީ އިތުރު ގޯލެއް ކާމިޔާބު ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އަދި ސާބިއާ ޓީމަށް ވެސް ނަތީޖާ އެއްވަރު ކުރުމަށް ދެވަނަ ހާފުގައި ވެސް ގިނަ ފުރުސަތުތަކެއް ލިބިގެންގޮސްފައިވާއިރު، މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ވަނީ ނުހިފިފައެވެ.

ޔޫރޯ 2024-އިންގްލެންޑް އަދި ސާބިއާ ވާދަކުރި މެޗުގެ ތެރެއިން

މި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ސާބިއާގެ ޓީމުން ގިނަ ހަމަލާތަކެއް އިންގްލެންޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައިވާއިރު، އެ ހަމަލާތައް ކުޅަދާނަކަމާ އެކުގައި އިންގްލެންޑްގެ ކީޕަރު ޕިކްފޯޑު ދިފާއުކޮށްފައިވެއެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ އިންގްލެންޑް ކުރީގައި އޮވެގެންނެއެވެ.