ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މިރޭ ފްރާންސް އާއި އޮސްޓްރިއާ ވާދަކުރާއިރު، މީގެ ތިން ފަހަރެއްގެ މަތިން މި ދެ ޓީމު ވަނީ ބައިނަލްއަގުވާމީ ބޮޑު މުބާރާތުގައި ވާދަކޮށްފައެވެ. މީގެ ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމު ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައިވާއިރު 1934 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގައި މި ދެ ޓީމު ވާދަކުރި މެޗު 2-3 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ އޮސްޓްރިއާއެވެ. އަދި 1982 ވަނަ އަހަރު ކުޅުނު ފީފާ ވޯލްޑްކަޕްގައި މި ދެ ޓީމު ވާދަކޮށްފައިވާއިރު އެ މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފްރާންސްއެވެ.

ކީލިއަން އެމްބާއްޕޭ-ފްރާންސް

ފްރާންސް އިން އެ ޓީމުގެ ދިހަ ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކުރިމަތިލާއިރު، ފްރާންސް އަކީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާނެކަމަށް އެންމެ ގިނަބަޔަކު ގަބޫލުކުރީ ޓީމެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސްގެ ސްކޮޑްގައި މިފަހަރުވެސް ހިމެނިގެން ދަނީ ހުސް ތަރިންނެވެ.

އޮސްޓްރިއާ ޓީމުން އެ ޓީމުގެ ހަތަރު ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކުރިމަތިލާއިރު، އެންމެ ފަހުން 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ އެ ޓީމުގެ އެންމެ ކާމިޔާބު އެއް މުބާރާތެވެ. 2021 ވަނަ އަހަރު ބޭއްވިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން އޮސްޓްރިއާ ކަޓައިގެންދިޔައީ އެފަހަރުގެ ޗެމްޕިއަންކަން ހޯދި އިޓަލީ އަތުންނެވެ. އެހެންކަމުން މިފަހަރުގެ މުބާރާތަށް ނިކުންނައިރު އެ ޓީމުގެ އެންމެ ބޮޑު އެއް އަމާޒަކީ އެއަށްވުރެ ކުރިއަށް ދިއުމެވެ.

އޮސްޓްރިއާ ފުޓްބޯޅަ ޓީމު

މިރޭގެ މެޗުގައި ދެ ޓީމުންވެސް ނެރޭނެކަމަށް ބެލެވޭ ފުރަތަމަ 11

ފްރާންސް: މައިގްނަން؛ ކައުންޑޭ، ސަލީބާ، އުޕަމެކާނޯ، ހަރްނާންޑޭޒް؛ ކާންޓޭ، ރަބިއޮޓް؛ ޑެމްބެލޭ، ގްރިޒްމަން، އެމްބާޕޭ؛ ތޫރަމް

އޮސްޓްރިއާ: ޕެންޓްޒް؛ ޕޮޝް، ޑަންސޯ، ވޯބަރ، އެމްވެނޭ؛ ސީވާލްޑް، ގްރިލިޗް؛ ލައިމަރ، ސަބިޓްޒަރ، ބައުމްގާޓްނަރ؛ ގްރެގޮރިޗް

ދެ ޓީމުގެ ކޯޗުންގެ ބަސް

ޑިޑިއޭ ޑެޝަމްޕްސް، ފްރާންސްގެ ކޯޗު: "މުބާރާތުގައި ކުރިއަށް ދިއުމަށް މުބާރާތުގެ ފުރަތަމަ މެޗު ވަރަށް މުހިންމު ވާނެ، އެހެންކަމުން މި މެޗު އަހަރުމެންނަށް ވަރަށް މުހިންމު، އަހަރެން ގަބޫލު ކުރަނީ އޮސްޓްރިއާގެ ވިސްނުންވެސް ހުންނާނީ ހަމަ މިހެންކަމަށް، އެހެންނަމަވެސް އަހަރެމެން މި ނިކުންނަނީ މި މުބާރާތުގެ ފުރަތަމަ މެޗު އަހަރެމެން ކާމިޔާބުކުރަން."

ރަލްފް ރެގްނިކް، އޮސްޓްރިއާ ކޯޗު: "އަހަރެމެން މިތިބީ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން، ހާއްސަކޮށް އެންމެ ފަހުގެ ތައްޔާރީތަަށް ދިޔަ ގޮތް އަހަރެން ވަރަށް ހިތްހަމަ ޖެހޭ، ފްރާންސް އަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ޓީމެއް، އަހަރެމެން ފްރާންސް ޓީމަށް އިހުތިރާމު ކުރަން، އެހެން ނަމަވެސް ފްރާންސް ޓީމާ ދޭތެރޭ އެއްވެސް ވަރަކަށް ޖެހިލުމެއް ނުވެ، އަހަރެމެން މިރޭ މި ނިކުންނަނީ ފްރާންސްގެ މައްޗަށް ކުރި ހޯދަން."

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި ފްރާންސް އަދި އޮސްޓްރިއާ ވާދަ ކުރާމެޗު ކުޅޭނީ ޖަރުމަނުގެ ޑުސެލްޑޯފް އެރީނާގައެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.