ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އީގައި ސްލޮވޭކިއާ އިން 1-0 ބެލްޖިއަމް ބަލިކޮށް ގިނަ ބަޔަކަށް ހައިރާންކަން މިރޭ ގެނުވައިފިއެވެ.

ޖަރުމަނުގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި އޮތް ބެލްޖިއަމަށް ނަސީބު ވެސް އެހީ ނުވީއެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ބެލްޖިއަމުން ހޯދި ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ބެލްޖިއަމުން ދެ ލަނޑު ޖެހި ނަމަވެސް އެ ދެ ލަނޑު ވެސް ރެފްރީ ގަބޫލެއް ނުކުރިއެވެ. އެއް ލަނޑު އޮފްސައިޑެއް ކަމަށް ބެލި އިރު، އަނެއް ލަނޑު ގަބޫލު ނުކުރީ ބެލްޖިއަމް ކުޅުންތެރިއެއްގެ އަތުގައި ޖެހުމުންނެވެ. އޭގެ ބަދަލުގައި ފެނުނީ ދުނިޔޭގެ ރޭންކިންގެ 25 ވަނައިގައި އޮތް ސްލޮވޭކިއާ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފައި މެޗު އަނބުރާލި ތަނެވެ.

މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ސްލޮވާކިއާ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފައެވެ. ބެލްޖިއަމްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދަ ނަގާ މެޗުގެ ހަތް ވަނަ މިނެޓުގައި މި ގޯލު ސްލޮވާކިއާ އަށް ކާމިޔާބުކޮށް ދިނީ އިވާން ޝަރަންޒްއެވެ.

ބެލްޖިއަމާއި ސްލޮވޭކިއާ ބައްދަލު ކުރި މެޗުގައި ބެލްޖިއަމްގެ ޑޮކޫ ބޯޅަ ހިފައިގެން

ސްލޮވާކިއާ އިން ގޯލެއް ކާމިޔާބުކޮށް މެޗު ލީޑު ނެގި ފަހުން ބެލްޖިއަމް ޓީމަށް ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ބެލްޖިއަމްގެ އިތުބާރު ފޯވާޑު ރޮމެލޫ ލުކާކޫ އާއި ލިއަންޑްރޯ ޓްރޮސާޑަށް ވެސް ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް މިހާފުގައި ބެލްޖިއަމްއަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މެޗުގެ ކުރީކޮޅު ގޯލެއް ކާމިޔާބުކޮށް ލީޑު ނެގަމަށްފަހު ވެސް މެޗުގެ ފުރަތަމަ ހާފުގައި ސްލޮވާކިއާގެ ފަރާތުން ފެނިގެން ދިޔައީ ވަރުގަދަ ކުޅުމެކެވެ. މި ހާފުގައި ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިނަމަވެސް ސްލޮވާކިއާ އަށް މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ މި ހާފު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ލޫކަސް ހަރަސްލިން އަށް ލިބިގެންދިޔަ ފުރުސަތެވެ. ހުސްކޮށް ހުރެ ބެލްޖިއަމްގެ ގޯލާ އަމާޒުކޮށް ހަރަސްލިން ފޮނުވާލި ބޯޅަ ބެލިޖިއަމްގެ ކީޕަރު ކިއޮން ކަސްޓީލްސް ވަނީ ދިފާއުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން ސްލޮވާކިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ބެލްޖިއަމް އިން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ 56 ވަނަ މިނެޓުގައި ލުކާކޫ ވަނީ ގޯލެއްވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރު ބެލިމަށްފަހު ލުކާކޫ އޮފްސައިޑް ކަމަށް ނިންމާ އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ.

ބެލްޖިއަމް ކުޅުންތެރިން ދެ ވަނަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ. އެ ލަނޑު ވެސް ގަބޫލެއް ނުކުރި.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފުރިހަމަ ވަގުތު ހަމަވާން ކުޑަވަގުތު ކޮޅަކަށް ވެފައިވަނިކޮށް ބެލްޖިއަމުން ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތިޖާ ވަނީ ހަމަހަމަ ކޮށްފައެވެ. މެޗުގެ 87 ވަނަ މިނެޓުގައި ލުކާކޫ ބެލްޖިއަމް އަށް ކާމިޔާބުކޮށްދިން ގޯލުވެސް ވަނީ ބަލައިނުގަނެފައެވެ. ލުކާކޫ ގޯލު ޖެހުމުގެ ކުރިން ބެލްޖިއަމްގެ ލޮއިސް އޮޕެންޑަރ އަތުގައި ޖެހިފައިވާކަމަށް ރެފްރީވަނީ ނިންމައިފައެވެ.

ބެލްޖިއަމް އާއި ސްލޮވޭކިއާ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ރޮމޭނިއާ އާއި ޔޫކްރެއިނެވެ. މިރޭ އިރާކޮޅު ރޮމޭނިއާ އިން ވަނީ 3-0 އިން ޔޫކްރެއިން ބަލިކޮށްފައެވެ. މި ގްރޫޕްގައި ކުރިއަށް އޮތީ ސްލޮވޭކިއާ އާއި ޔޫކްރެއިން ބައްދަލު ކުރާ މެޗެވެ. ބެލްޖިއަމް ނުކުންނާނީ ރޮމޭނިއާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާނުވާ.

    ކީޕަރ ކޮރޓުއަރ ބަހައްޓާފައި ޓީމު ނަގައިގެން ދިޔައީ ހިތުން މޮޅުވާން. އޭނަ ހުރުމަކީ އެތައް ގޮތަކުން ޓީމަށް ކުރިއެރުމަކަށް ވިސް.