ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ބެލްޖިއަމް އަދި ރޮމޭނިއާ ބައްދަލު ކުރި މެޗު 0-2 ގެ ނަތީޖާ އަކުން ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ބެލްޖިއަމް އިން ވަނީ ގޯލެއް ކާމިޔާބުކޮޮށް މެޗުގެ ލީޑު ނަގައިފައެވެ. ވާދަވެރި މި މެޗުގައި ރޮމޭނިއާ އަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައިނުވާއިރު، ލިބުނު މަދު ފުރުސަތުތަކުގައި އެ ޓީމުން ވަނީ ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ މި މެޗުގައި ވެސް ވަނީ ގޯލެއް ޖަހައިފައެވެ. ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ.

ބެލްޖިއަމް އެންމެ ފަހުން ސްލޮވޭކިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ލުކާކޫ ޖެހި ދެ ގޯލު ވެސް ބަލައިގަނެފައެއް ނުވެއެވެ. މި މުބާރާތުގައި ލުކަކޫ ފެނިގެން ދަނީ ވަރަށް ނަސީބު ދެރަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާ އަށް ލިބޭ ގިނަ ފުރުސަތުތަކުގެ ބޭނުމެއް ވެސް ނުހިފެއެވެ.

ޔޫރޯ 2024- ބެލްޖިއަމް އަދި ރޮމޭނިއާ ވާދަކުރި މެޗުގެ ތެރެއިން, ބެލްޖިއަމްގެ ޓްރްސާޑް ބޯޅަ ހިފައިގެން ކުރިއަށް ދަނީ

މި ނަތީޖާ އާއެކު ގުރޫޕް އީގައި ހިމެނޭ ހުރިހާ ޓީމަކަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސްލޮވޭކިއާ އާއި ޔޫކްރެއިންއެވެ. ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ދެވަަނަ މިނެޓުގައި ބެލްޖިއަމް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފައެވެ. ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ބެލްޖިއަމަށް ކާމިޔާބުކޮށްދީފައިވަނީ ޔޫރީ ޓީލަމެންސްއެވެ.

މި ގޯލަށް ފަހުވެސް ބެލްޖިއަމަށް ވަނީ މި ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ބެލްޖިއަމްގެ ލުކާކޫ އަދި ޔޫރީ ޓިލަމެންސް އަށްވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އަދި ރޮމޭނިއާ އިންވެސް އެ ޓީމަށް ލިބުނު މަދު ފުރުސަތުތަކުގައި އެ ޓީމުންވެސް ވަނީ ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މި މެޗުގެ 64 ވަނަ މިނެޓުގައި ބެލްޖިއަމްގެ ލުކާކޫ ގޯލެއް ޖެހި ނަމަވެސް އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ. ރޮމޭނިއާގެ ހާފްތެރެއިން ބޯޅަ ހިފައިގެންގޮސް ރޮމޭނިއާގެ ގޯލަށް ލުކާކޫ ވައްދާލި ނަމަވެސް އޭރު އޭނާ ހުރީ އޮފްސަިއޑް މަގާމެއްގައެވެ.

ޔޫރޯ 2024- ބެލްޖިއަމް އަދި ރޮމޭނިއާ ވާދަކުރި މެޗުގެ ތެރެއިން, ބެލްޖިއަމްގެ ލުކާކޫ

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމަށްވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. މިގޮތުން 80 ވަނަ މިނެޓުގައި ބެލްޖިއަމް އިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. ބެލްޖިއަމް އަށް މި ގޯލު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ކެޕްޓަން ކެވިން ޑި ބްރޭނާއެވެ.

ގްރޫޕް އީގެ ފަހު މެޗުގައި ބެލްޖިއަމް ނުކުންނާނީ ޔޫކްރެއިންއާ ދެކޮޅަށެވެ. ސްލޮވޭކިއާ ނުކުންނާނީ ރޮމޭނިއާއާ ދެކޮޅަށެވެ.