ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޑެންމާކު އަދި ސާބިއާ ވާދަކުރި މެޗު 0-0 ގެ ނަތީޖަ އަކުން އެއްވަރު ވެއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޑެންމާކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސާބިއާގެ ފަރާތުން ޑިފެންސިވް ގޭމެއް ފެނުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. އެހެން ނަމަވެސް މި މެޗުގައި ދެ ޓީމުގެ ފަރާތުން ގޯލެއް މި މެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ.

މި ގުރޫޕުގެވެސް ފަހު ދެ މެޗު އެއް ގަޑިއެއްގައި ކުޅެފައިވާއިރު، މިގަޑީގައި އިންގްލެންޑް އަދި ސްލޮވޭނިއާ ވާދަކުރި މެޗު ނިމިގެން ދިއައީ 0-0 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެހެން ކަމުން މި ގުރޫޕުގެ އެއްވަނަ ލިބެނީ އިންގްލެންޑް އަށެވެ. އަދި ދެވަނަ ޑެންމާކަށް ލިބިފައިވާއިރު، މި ދެ ޓީމު މިވަނީ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދާފައެވެ. މި ގުރޫޕުން ތިން ވަނަ ސްލޮވޭނިއާ އަށް ލިބިފައިވާއިރު، ގުރޫޕުގެ ހަތަރު ވަނަ ލިބިފައިވަނީ ސާބިއާ އަށެވެ.

ޔޫރޯ 2024- ޑެންމާކު އަދި ސާބިއާ ވާދަކުރި މެޗުގެ ތެރެއިން

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޑެންމާކު ޓީމުންނެވެ. މި ހާފުގައި ޑެންމާކުގެ ކްރިސްޓަން އެރިކްސަން ސާބިއާގެ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ސާބިއާގެ ކީޕަރު ޕްރެޑްރެޖް ރެޖްކޮވިޗް ވަނީ ދިފާއު ކޮށްފައެވެ.

ސާބިއާގެ ފަރާތުން މާ ރަނގަޅު ހަމަލާތަކެއް މެޗުގެ ފުރަތަމަ ހާފުގައި އުފެއްދިފައި ނުވި ނަމަވެސް އެ ޓީމުންވެސް ވަނީ ޑެންމާކުގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައެވެ. މި ހާފުގައި ޑެންމާކުގެ ޖޯނެސް ވިންޑް އަށްވެސް ރަނގަޅު ފުރުސަތެއް ވަނީ ލިބިގެން ގޮސްފައެެވެ. ވިންޑް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ޑެންމާކުގެ ފަރާތުން ވަރުގަދަ ކުޅުމެއް ކުޅެމުން ދަނިކޮށް ސާބިއާ އަށް ލިބުނު ފުރުސަތެއްގައި އެ ޓީމުން ޑެންމާކު ކޮޅަށް ގޯލެއް ކާމިޔާބު ކުރި ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން މި ގޯލު ބަލައިގަނެފައެއް ނުވެއެވެ. އަދި މީގެ އިތުރުން ޑެންމާކުގެ އަންދްރިއަސް ކްރިސްޓެންސެން ސާބިއާގެ ޕެނަލްޓީ އޭރިއާގެ ބޭރުން ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސާބިއާގެ ފަރާތުން ޑިފެންސިވް ގޭމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ސާބިއާ އިންވެސް ދިޔައީ ބޯޅަ ހިފަަހައްޓައިގެން ކުޅެ ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ. މި ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިގެން ގޮއްސައެވެ.

މެޗުގެ ދެވަނަ ހާފުގެ ފަހު ވަގުތު ސާބިއާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު ސާބިއާއިން ޑެންމާކުގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާތަށް ޑެންމާކުގެ ކީޕަރު ކެސްޕާ ޝޫމައިކަލް ވަނީ ދިފާއުކޮށްފައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 0-0ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.