މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވި ހަމަ އެކަނި ޓީމަކީ ސްޕެއިންއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާއިރު، މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ޓީމުތަށް މިހާރު ވަނީ ޔަގީންވެފައެވެ. މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު، މި ބުރުގައި ކޮންމެ ޓީމަކުންވެސް ތިން މެޗު ކުޅެފައިވާއިރު، މި ތިން މެޗުންވެސް މޮޅުވި ހަމައެކަނި ޓީމަކީ ސްޕެއިންއެވެ. އަދި ގުރޫޕް ސްޓޭޖުގެ ކުޅުން ސްޕެއިން އިން ނިންމާލާފައިވަނީ ބައިކޮޅަށް ގޯލެއްވެސް ނުވައްދައެވެ.

ޔޫރޯ 2024- ސްޕެއިން އަދި އިޓަލީ ވާދަކުރި މެޗުގެ ތެރެއިން, މި މެޗުގައި ސްޕެއިން އިން ކާމިޔާބު ކުރި ގޯލަށް ފަހު, މި ގޯލަކީ އިޓަލީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެއް

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މަރުގެ ގުރޫޕުގެ ގޮތުގައި އޮތް ގުރޫޕް ބީ ގައި ކުޅުނު ހުރިހާ މެޗަކުން ސްޕެއިން މޮޅު ވެފައިވާއިރު، މި ގުރޫޕުގައި ސްޕެއިންގެ އިތުރުން ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ އިޓަލީ އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިއާގެ އިތުރުން އަލްބޭނިއާއެވެ. ގުރޫޕް ސްޓޭޖުގެ ކުޅުން ސްޕެއިން ނިންމާލާފައިވަނީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއި އެކުއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިންގެ ޒުވާން ކުޅުންތެރިންގެ ހުނަރު ވިދާލާފައިވާއިރު، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާވެސް ހުރީ ސްޕެއިންގައެވެ. ކެލޮޖްގައި ކިޔަވަމުން ދާ ސްޕެއިންގެ ހުނަރުވެރި ފޯވާޑު ލަމިނެ ޔަމާލް އަށް އަދި އެންމެ 16 އަހަރެވެ. އެހެން ނަމަވެސް މިފަހަރުގެ ޔޫރޯގައި ވާދަކުރާ ސްޕެއިންގެ ސްކޮޑަށް ބަލާލާއިރުވެސް ހުނަރުގެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ ޔަމާލްއެވެ.

ޔޫރޯ 2024- ސްޕެއިން އަދި ކްރޮއޭޝިއާ ވާދަކުރި މެޗުގެ ތެރެއިން, ސްޕެއިންގެ ޒުވާން ހުނަރުވެރި ފޯވާޑު, ލަމިނެ ޔަމާލް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްޕެއިން ވާދަކޮށްފައިވަނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. މި މެޗު ސްޕެއިން ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 0-1ގެ ނަތީޖާއަކުންނެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަލްބޭނިއާ އާއި ދެކޮޅަށް ނިކުތީ ސްޕެއިންގެ ބެންޗް ޓީމެވެ. މި މެޗުވެސް ސްޕެއިން ކާމިޔާބުކޮށްފައިވަނީ 0-1ގެ ނަތީޖާ އަކުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އެއްވަނައިގައި ސްޕެއިން ދެވަނަ ބުރަށް ދަތުރު ކޮށްފައިވާއިރު، ގަދަ 16 ޓީމުގެ ބުރުގައި ސްޕެއިން ނިކުންނާނީ ޕޯޗުގަލް ބަލިކޮށް ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދި ޖޯޖިއާ އާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12:00ގައެވެ.