ސްޕެއިންގެ މަޝްހޫރު ޓޫރިސްޓު ރަށެއް ކަމަށްވާ މަލޯރްކާގައި ހުންނަ ރެސްޓޯރަންޓެއްގެ ފުރާޅު ވެއްޓި ހަތަރު މީހުން މަރުވެ، 21 މީހުން ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"ހަތަރު މީހުން މަރުވެ، ގާތްގަނޑަކަށް 21 ވަރަކަށް މީހުން ޒަހަމްވެފައި އެބަތިބި،"

އެމަޖެންސީ ސާވިސަސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

މި ހާދިސާގައި ޒަހަމްވި 21 މީހުންގެ ތެރެއިން ހަތް މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ. އަދި ނުވަ މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބުނުއިރު، އެ އެންމެން އެކި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކަަމަށް ބުނެފައި ވެެއެވެ.

ފުރާޅު ވެއްޓުނު އެ އިމާރާތަކީ ދެ ބުރިއަށް ހަދާފައިވާ މެޑިޓެރޭނިއަން އައިލެންޑުގެ ވެރިރަށް ޕަލްމާ ޑި މަލޯރްކާގެ ދެކުނުގައި އޮންނަ ޕްލޭޔާ ޑި ޕަލްމާ ސަރަހައްދުގައި ހުންނަ އިމާރާތެެކެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި އޭއެފްޕީގެ ނޫސްވެރިއަކު ބުނެފައިވާގޮތުގައި މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދަށް ގިނަ އަދަދެއްގެ އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވިއެވެ. އަދި ހާލުގައި ޖެހުނު މީހުން އެމްބިއުލާންސްތަކުގައި ހޮސްޕިޓަލަށް ގެންގޮސް މަގު ބަންދުކޮށްފައެވެ.

އެމާޖެންސީ ސާވިސް އިން އެކްސްގައި ލިޔެފައިވާ ގޮތުގައި ވެއްޓިފައިވާ ފުރާޅުގެ ދަށުގައި ތާށިވެފައި ތިބި އިތުރު މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އެކްސްގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

އަދި ސަރަޙައްދީ ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "ބޭނުންވާ ހުރިހާ ވަސީލަތްތަކެއް" މަރުކަޒީ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.