ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ގެ ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.

ހައްޖުގެ މަތިވެރި އަޅުކަން ނިންމާފައި އެނބުރި ރާއްޖެ އައިތަނުން ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ރާއްޖޭގެ ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ގެ ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ މިއަދު ގަލޮޅު ރަސްމީ ދަނޑުގައި މިކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ގައުމީ ފުޓުބޯލަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)ގެ ހަނދާނުގައި ހުޅުވުނު ތައުޒިޔާގެ ދަފުތަރު— ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

ބަކާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުއްވާ ދެއްވައި އެންމެ ފުރަތަމަ މި ދަފްތަރުގައި ލިއުއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި އަދުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންނާއި، ރާއްޖޭގެ ކޯޗުންގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު ވަނީ ބައިވެރިވެ މި ތައުޒިޔާގެ ދަފްތަރުގައި ލިއުއްވާފައެވެ. އަދި ބަކާގެ އާއިލާވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ފެށިގެން ގައުމީ ޓީމަށް ބަކާ ކުޅެފައިވާއިރު، ބަކާ އެންމެ ފުރަތަމަ ސީނިއާ ގައުމީ ޓީމުގެ ސްކޮޑްގައި ހިމެނިގެން ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައިވަނީ 2005 ވަަނަ އަހަރުއެވެ. އަދި 2008 އަހަރާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައިވެސް ބަކާ ވަނީ ހިމެނިފައެވެ.

2011 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ބަކާ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް މިޑްފިލްޑް ކުޅުންތެރިޔާއެވެ. ބަކާގެ ކުއްލި ވަކިވުމާއި އެކު ސައުތް އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް) އިންވެސް ވަނީ ބަކާ ގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ގައުމީ ފުޓުބޯލަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)ގެ ހަނދާނުގައި ހުޅުވުނު ތައުޒިޔާގެ ދަފުތަރު— ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

ބަކާގެ ކުއްލި ވަކިވުމާއި އެކު ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ އިތުރުން މުޅި ގައުމަށްވެސް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ. ބަކާގެ ފުޓްބޯޅަ ހަޔާތުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ އިތުރަށް އޭނާގެ ހަޔާތުގައި ދީނީ ކަންކަމަށް ބެހެއްޓި އަހަންމިއްޔަތު ކަމަކީ މުޅި ގައުމު އެކަން ފާހަގަ ކުރާ ކަމެކެވެ. ބަކާގެ ވަކިވުމާއި އެކު މުޅި ސޯޝަލް މީޑިއާ އިން އެކި މީހުން ޝުއޫރު ފާޅުކޮށްފައިވާއިރު، މި ހަބަރާއި އެކު އެތައް ބައެއްގެ ލޮލުން ވަނީ ކަރުނަ ހިލިގެން ގޮސްފައެވެ.

ބަކާގެ ހަނދާނުގައި މި ހުޅުވުނު ތައުޒިޔާގެ ދަފްތަރު މިހާރު ކުރިއަށްދާ އެފްއޭއެމް ނަވާރަ އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ނިމެންދެން ގަލޮޅު ދަނޑުގައި ބެހެއްޓިފައި ހުންނާނެއެވެ.