ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިންތިޒާމްކުރާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.

މި އެވޯޑު އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ މިމަހު 27 ގައެވެ. ނަމަވެސް އަޟްހާ އީދާއި ދިމާކޮށް މި ހަފްލާ އެހާ ފުރިހަމަކޮށް ނުބޭއްވިދާނެތީ މި އެވޯޑު އަންނަ ޖުލައި 4 އަށް ފަސްކުރުމަށްފަހު މިއަދު އަނެއްކާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ފަސްކުރިކަން އިއުލާން ކޮށްފައިވާއިރު، ލަސްކުރި ވަކި ސަބަބެއް ހާމަ ކުރައްވާފައެއް ނުވެއެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑް ލަސްކޮށްފައިވާއިރު، ރޭގެ ވަގުތެއްގައި ރާއްޖޭގެ ރައީސުލް ޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިޒު ވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރަސްމިއްޔާތުތަކާއި ހަފްލާތައް ނުބޭއްވުމަށް ނިންމާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެ އެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ އެވޯޑަށް ނަން ހުށައެޅޭނީ:

  • ސްޕޯޓްސް މަން / ސްޕޯޓްސް ވުމަން އޮފް ދަ އިޔާ އެވޯޑު
  • ޕެރާ ސްޕޯޓްސްމަން / ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް
  • ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް
  • މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)
  • ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް
  • ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
  • ކޯޗް އޮފް ދަ އިޔަރ އެވޯޑް ( އަންހެން / ފިރިހެން)
  • ޔަންގް ސްޕޯޓްސްމަން / ޔަންގް ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
  • ސްޕޯޓްސް ވިޒުއަލް އާޓިސްޓް އޮފް ދަ އިޔަރ އެވެ.

މި އެވޯޑަށް އެކި ކުޅިވަރު ތަކުން ނޮމިނޭޓު ވެފައިވާ އެތްލީޓުން ވަނީ މިހާރު އިއުލާން ކޮށްފައެވެ.